Saturday 12 April 2008

ޒުވާނެއްގެ އަޑު

 

އިޝްގީ މަންޒިލް

ޅ. ލޯބިދޫ

ޕިޔާރުވިލާތް

ލޯބިވާ ނަތާ އަށް

ލޯތްބާއެކު ވެދުން ސަލާމުގެ މާމެލާމެލި މިފޮނުވަނީ ޖުމްހޫރީ މައިދާނުގެ ކޮތަރުފޯހުގެ ހަވާލުގަ އެވެ.

މިއީ ހަމައެކަނި ވޯޑު ޑޮކިޔުމެންޓެއް ކަމުގައި ނުދެކޭށެވެ. އަދި މިއީ ހަމައެކަނި ކަތިވަޅި ފޮންޓުގެ އަކުރުތަކެއްކަމުގައި ނުދެކޭށެވެ. ނަމަވެސް މިއީ އަހަރެންގެ ހިތުގެ ކެކުޅުމެވެ. ހިތުގެ ކުކުޅުގެ ހަޅޭކެވެ. މިހިތުގެ އުދާސްތަކެވެ. ހިތުގެ އިއުލާނާއި އިޝްތިހާރެވެ. އާނއެކެވެ. ކަލާގެ ނަޒަރު ހުއްޓިފައި ތިވަނީ އަހަރެންގެ ހިތަށެވެ.

ލޯބިވާ އެވެ. ކަލާއަށްޓަކައި އަހަރެންގެ ހިތުގެ ކޮންމެ ކަނެއްވެސް ވަނީ ލޯބިން އޯވަރކްރައުޑްވެފަ އެވެ. ކަލާއަށް ޚާއްސަވެފައިވަނީ ހަމައެކަނި މިހިތުގެ އެންމެ ކަނެއް ނޫނެވެ. މިހިތާއި، ފުރާނައާއި، ޖާނާއި މާލު ކަލާއަށްތަކައި ގުރުބާންކުރުމަށް އަހަރެން މިހިރީ އެލާރޓްގަ އެވެ. މި ހުރިހައި އެއްޗެއް ކަލާއަށްޓަކައި ގުރުބާންކުރުމަށް އަހަރެން ވައުދުވަމެވެ. ވަސިއްޔަތް ކުރަމެވެ. ނަދުރު ބުނަމެވެ.

ހިތުގެ ޝަހެޒާދީ އެވެ. ހަނދާނުގެ ސަފްހާތައް ކުޑަކޮށް އުކައިބަލާށެވެ. އަހަރުމެން ދެމީހުންގެ ފުރަތަމަ ބައްދަލުވުމާއި ހަމައަށެވެ. ކަލާގެ ފައިންޕުޅު އަހަންނަށް ފުރަތަމަ ފެނުނީ ލޯބިވެރިންގެ ޚާއްސަ ނަސީބުގެ ދަރުބާރެއް ކަމުގައިވާ ޓްރެފިކް ލައިޓް ކައިރިންނެވެ. އާހް . . .ކޮންފަދަ އަޖައިބު ކުރުވަނިވި ލޯބި ލޯބި، މައުސޫމް މުނެއް ހެއްޔެވެ. . . ގުދުރަތުގެ އުފެއްދެވުމުގެ މޮޅުކަމުގެ ލާމަސީލު މިސާލެކެވެ. އަސަރުގަދަ ލަތީފީ ހިނިތުންވުމެކެވެ. ފުރިހަމަކަމުގައި ހައްދު ފަހަނައަޅާފައިވަާ ވަނާތަކެކެވެ. އެތައް ހާސް ގަރުނެއްގެ ދިގުމިން ކަމުގައި ހީކުރެވުނު އެފަޅި ސިކުންތުކޮޅު އަހަރެންނަށް ކުރި އަސަރުތައް ބަޔާންކުރެވޭވަރުގެ ގާބިލުކަމެއް މިވޯޑް ޑޮކިޔުމެންޓަކު ނެތެވެ. އިސާހިތަކު ހިތް އޭގެ އޯބިޓުން ނެއްޓި ކަލާގެ ހިތާއި ދިމާއަށް މިސްރާބު ޖެހި އެވެ. ފުރަތަމަ ނަޒަރުން ވާ ލޯތްބަކީ ކޮބައިކަން އެނގުނީ ކަލާގެ އިޝްގީ އިލެކްޓްރިސިޓީގައި ޖެހުނީމަ އެވެ. ނިއުޔޯކު ސިޓީގައި ނުޖެހުނުކަންވާ ރަނގަޅެވެ. ކަލާ އިން ސައިކަލު ކޮށިން ނެރުނު ކުކުޅެއްހެން ދުއްވައިލިއިރުވެސް އަހަންނަށް ހުރެވުނީ ހިލަ ބުދެއްހެން ކަން އެނގުނީ އަދި މާފަހުންނެވެ. ސިކުނޑި ކޯމާއަކަށް ވެއްޓި ބިރުކުޑަ ރިޔާޒު ފަދައިން މަގުމަތީ ހިނގެވި، އިންދިރާ ގާނދީ މެމޯރިއަލް ހޮޓަލުގެ ޑަބަލް ބެޑަކުން ޖާގަ ކަށަވަރުވި ފަހުންނެވެ. އެހިތްގައިމު ތާރީޚީ ވަގުތުކޮޅަށްފަހު ކަލާއަކީ މިހިތުގެ ރާނީ އެވެ.

ހިތުގެ ރާނީ އެވެ. ކަލާގެ ހިތުގެ ރަސްކަން ހޯދުމަށްޓަކައި 7 ފުޅައް މަތިން ފުންމާލަން ޖެހުނަސް ، 7 ފުޅައް ވައްޓާލަން ޖެހުނަސް ފަރުވާލެއް ނެތެވެ. 1000 އަސްވާރުންނާ އެއްފަހަރާ ހަނގުރާމަ ކުރަން ޖެހުނަސް އަދި 1000 އަސް އެއްފަހަރާ ވިހަން ޖެހުނަސް ފަރުވާލެއް ނެތެވެ. ކަލާ ހާސިލް ކުރުމަށްޓަކައި ދުނިޔެ ވަށައި ބުރެއް ޖަހައި ހަނދާ ހަމައަށް ދާން ޖެހުނަސް މިހުރީ ތައްޔާރީ ހާލަތުގަ އެވެ. ކަލާ ހާސިލުކުރުމަށްޓަކައި ޓެރަރިސްޓު ހަމަލާއެއް ދޭން ޖެހުނަސް މިހިރީ ތައްޔާރީ ހާލަތުގަ އެވެ. ކަލާ ހާސިލު ކުރުމަށް އަހަރެން ނުކުރާނެ ކަމަކީ ހަމަ ނެތް ކަމެކެވެ. ކަލާގެ ބައްޕަ ވަލީ ނުދީފި ނަމަ އޭނާއަށް ސައެއް ޖަހާލައިގެން ނަމަވެސް ވަލީ ހޯދާނަމެވެ.

ލޯބިވާ އޫރުޕަރީ އެވެ. ކަލާ މަށަށް ލިބިއްޖެނަމަ އަހަރެން ފުރަތަމަވެސް ވާނީ ދުނިޔެއިން މޮޔަ އެވެ. ކަލާ ލިބިއްޖެނަމަ އަވެލި މޮޑެ ކިޔެވެލި ކިޔަވާނަމެވެ. ހަމައެކަނި ކަލާއަށް ޚައްސަ 7 ނިއުކުލިއަރ ބޮޮމުގެ ސަލާމެއް އަރުވާނަމެވެ. އަހަރުމެންގެ ގުޅުމުގެ އުފަލުގައި ބާތުޑޭ ޕާޓީ ބާއްވާ ސިޔާސީ ޕާޓީ އެއް ރަޖިސްޓްރީ ކުރާނަމެވެ.

ލޯބިވާ އެވެ. ބުނެބަލާށެވެ. އަހަރުމެންގެ މާމުއި ފެކްޓަރީ އަޅާނީ ކޮން ތަނެއްގައި ހެއްޔެވެ؟ މާމުއި ހަނދަށް އެންމެ ކަމުދާ ތަނެއް ހޯދަން އެސްޓިމޭޓު އުސޫލުން އިޝްތިހާރު ގޮވާނީ ދޯ އެވެ. . . ކޮންމެއަކަސް، މިއަޅާގެ ގަމާރު ސިކުނޑިއަށް އަންނަ އާދަޔާ ޚިލާފު ދެތިން މާސްޓަރމައިންޑް އައިޑިޔަރެއް ދަންނަވައިލާނަމެވެ. ފުރަތަމަ ޗޮއިސް އަކީ ބިޓު އެން ބިޓު ސްޕާ ރިސޯޓެވެ. ދެވަނައީ ވަން އެން އޮންލީ ކަނުދެލޯ އައިލެންޑެވެ. ތިންވަނަ ޖަވާބަކީ މަކުނުދޫ އެން ގޮރިއްލާ ރިސޯޓެވެ. ހަތަރުވަނައީ ބަނގުރާ ވިލެޖް އެން ސްޕާ ރިސޯޓެވެ. ޗޮއިސް އިޒް ޔުއާޒް އެވެ. އައި އޭމް އިމޯޝަނަލީ ޔުއާޒް އެވެ. . . ކަލާ ވިދާޅުބަސްފުޅު އިއްވަވާ ހަމަ ކޮންމެ ހިނދެއްގައި މިފަކީރުގެ ދޫ ފާސްޓްފޯވާޑަށް ލެވި ސާބަރޭ ހިއްވަހޭ ކިޔައި ވަޅޯ ތާފަނާ ތަރުހީބެއްދޭން ހިތް ތަރަތަރަ ޖަހައިގަނެ އެވެ. ނަމަވެސް ، ހުރި ހަލާކެއްގެ ބޮޑު ކަމާ އެވެ. އެފަދަ ކޮންމެ ސްޓްރެޓެޖިކް ދަނޑިވަޅެއްގައި މިނިކަމެތި ފަކީރުގެ ކުޑަދުލުގައި ގޮށް ޖެހެ އެވެ. އަނގައިން ބަސް ހުސްވެ ބަސް ހުސްވުމުގެ ހަޅުތާލެއް އޮޓަމެޓިކުން ފެށެ އެވެ.

ދެން ފަހެ ، މިހިރަ މިހިރަ ކަންތައް މިހެން ހުރުމާއެކުވެސް ކަލާއާއި ނުލައި އެންމެ ބައި ގަރުނެއްހާއިރު ނޭވާ ނުލައި ހުރުމަކީވެސް މި ނޭވާހިއްލާ ފަކީރަށް ވަރަށް ކްރިޓިކަލް މައްސަލައަކަށް ވެއްޖެ އެވެ. ކަލާ ނުލިބިއްޖެ ނަމަ އަހަރެން ދެދުނިޔޭން ވެސް މޮޔަ ނުވާނޭ ކަމުގެ ގަރަންޓީ އޮތީ 5- ޑިގްރީ ސެލްސިއަސްގަ އެވެ. ކޮންމެއަކަސް، އަހަރެންގެ ކަރާއި ގުޅިފައި މިވާ ބުއްދިވެރި ބޮޑުރުއް ކާށި ބުނަނީ ކަލާ ލިބުމަކީ އަހަރެންގެ ބޭސިކް އެނިމަލް ރައިޓަކަށް ނުވާނަމަ ލެފްޓަކަށް ނަމަވެސް ވާނެ ކަމުގަ އެވެ. އެހެންޏާފަހެ، އެނިމަލް ރައިޓްގެ ކޮންވެންޝަންގެ ސޭވް ދަ ޓާރޓްލް އޭ ކިޔުނު ބާބުގައި ، ކަލާ އަކީ އަހަރެންގެ ސޯޅަ ޕްރޮޕަޓީއެއް ކަމުގައި ލިޔެފައި އެވަނީ ޝަރީފު އިބާރާތުންނެވެ.

ލޯބިވާ ޓެކްސީ ގަނޑާ އެވެ. ވަންވޭތައް މިހައި ގިނަ ޒަމާނެއްގައި ކަލާގެ ޑިކީން ނަމަވެސް މި ޑަސްބިން ބޭގަށް ޖާގައެއް ނުދީ ކަލާ އަނބުރާލާފައި ދާނީ ކިހިނެއް ހެއްޔެވެ؟

ލޯބިވާ ފަޅޯގަޑިއާ އެވެ. މިފަތްކޮޅު ފެށިތަނުގައި އަޅިގަނޑު ދަންނަވާފައި ވާނެފަދައިން " އަހަރެންނަށް މިހާރުވެސް މާގިނަ ވަގުތު ނަގާލެވި ވާހަކަ މިހާރު މާ ދިގުވެސް ވެއްޖެ އެވެ."

މިހިތުގެ ވިޝް އަކީ ކަލާގެ ބްރެއިން ވޮޗް ކޮށްލުމުގެ ކުޅަދާނަކަން ކަލާގެ ގޭ ކުރިމަތީ އަނގަ ތަންމިނަށް ހުޅުވައިގެން އަބަދުމެ ތާއްޔާ ޖެހި ޖެހި އިންނަ ސެކިޔުރިޓީ ގާރޑަށް ދެއްވުމެވެ.

ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާ އަށް މިއަޅާގެ ބިޓު ޅާއި ދެއްވާނދޭވ . . . !

އިހުތިރާމުން ގަރުދިޔަ ކެއްކުން އެދެވިގެން ވެއެވެ.

50 ގެރިމަސް 2008

ޚާދިމް.ކޮމް I low U

ބަދުނާމް ކަޅުތުއްތު ބުނި ގޮނޑިކޮއްކޮ

(4 the lost) emo : ލިޔުނީ

No comments:

Haveeru Daily Online - Headlines