Wednesday 11 June 2008

ދިވެހި އަންހެނުން ބުރުގާ އަޅައިގެންމެ އޮރިޔާމުން

 

އަޅުގަނޑު ކުޑައިރު އިވެމުންދިޔައީ ބުރުގާ އަޅަންޖެހޭނީ މުސްކުޅިވީމާ ކަމުގަ އެވެ. އަދި އޭރު ބުރުގާ އަޅައި ފުރިހަމައަށް އައުރަ ނިވާކޮށްގެން އުޅޭތީ ފެންނަނީވެސް މުސްކުޅިންނެވެ. ހަނދާން ހުންނަން ފެށިއިރުވެސް ދެފަރާތުގެ މާމައިންވެސް އުޅެނީ ބުރުގާ އަޅައިގެންނެވެ. ޒުވާނުންގެ ތެރޭގައި އެކަން ކުރާ މީހުން އިނގިލިން ގުނާލެވެއޭ މިދަންނަވަނީ އެއްވެސް ޝައްކެއް ނެތި އެވެ. އެއީ 1990ގެ އަހަރުތަކުގެ ކުރީކޮޅެވެ

ޒަމާނުގެ ދައުރުވުމާއެކު އަޅުގަނޑުމެންގެ ގައުމަށްވެސް އައީ ބަދަލު އަންނަމުންނެވެ. މިގޮތުން 2000 ގެ އަހަރުތައް ފެށުމާއެކު ފިކުރީގޮތުންނާއި ސިޔާސީ ރޮނގުންނާއި އިޖްތިމާއީ ގޮތުން ގައުމަށް ބޮޑެތި ބަދަލުތަކެއް އައެވެ. އާދެ، ސިޔާސީ ގޮތުން ގައުމަށް އައި ބޮޑެތި ބަދަލުތަކާއެކު ފިކުރީ ގޮތުންނާއި އިޖްތިމާއީ ގޮތުން ރަނގަޅު ބަދަލުތަކާއި ގޯސް ބަދަލުތަކެއްވެސް އައެވެ. ހަމަ އެހެންމެ ރަނގަޅު ބަދަލުތަކުން އުފަންވެފައި ހުރި ގޯސް ބަދަލުތަކެއްވެސް އެބަހުއްޓެވެ. އަޅުގަނޑުމެންގެ މުޖުތަމައުގެ ގިނަ އަންހެނުންގެ ބުރުގާ އެޅުމާމެދު ދަންނަވަން ޖެހެނީ މިފަދަ ބަދަލެއް ކަމުގައެވެ. އާދެ، އިސްވެ ދެންނެވި ބަދަލުތަކާއެކު ލިބުނު މިނިވަންކަމާއެކު އިހަށް ދީނީ އިލްމުވެރިންގެ ދޫތަކުގައި އަޅުވާފައިހުރި ކަސްތޮޅުތަކުން ސަލާމަތްވެ ދީނީ ނަސޭހަތާއި ވައުޟު އިއްވަވަން ފެއްޓެވި އެވެ. ނަތީޖާއެއްގެ ގޮތުން އައުރަ ނިވާކުރުމަކީވެސް ނުކޮށް ދޫކޮށްލައިފި ނަމަ ފާފަވެރިވާނެ، އަދި ކުރުމުން އެހައި ސަވާބު ލިބޭ ކަމެއްކަން ދިވެހި އަންހެނުންނަށް އެނގިގެންދިޔަ އެވެ. ދެން ފަހެ، އިސާހިތަކު ބުރުގާ އަޅައި ފުރިހަމައަށް އައުރަ ނިވާކުރުން ވައިގައި ހިފާލައިފި އެވެ. ބައެއް ރަށްރަށުގައި ހުރިހާ އަންހެނުން އެކީގައިހެން މިހެޔޮކަން ކުރުމުގެ ނަސީބު ލިބިގަތެވެ

ނަމަވެސް، ބުރުގާ އެޅުން މިހައި އަވަސް މުއްދަތެއްގައި މިހައި ބާރަށް އާއްމުވެގެން ދިޔުމުގެ ސަބަބުން ވަރަށް ނުރައްކާތެރި މައްސަލައެއްވެސް އުފަންވެފައިވާތީ އެބަފެނެ އެވެ. އާދެ، ބުރުގާ އެޅުން ފެޝަނަކަށް ވުމެވެ. އައުރަ ނިވާކުރުމާއި ފެޝަން ފުށުއަރާކަމީ އެއްވެސް ޝައްކެއްއޮތް ކަމެއް ނޫނެވެ. ދެކަމުގެވެސް މަގްސަދު ކަނޑިއާ ކަނޑިއާ ވާހައި ތަފާތު ކަމުންނެވެ. ބުރުގާ އެޅުމާއި އައުރަ ނިވާކުރުމުގެ މަގްސަދަކީ ފޮރުވިގަތުމާއި އަނެކުންގެ ނުބައި ބެލުންތަކުން ސަލާމަތްވުމެވެ. އަދި ނުބައި ބެލުންތަކުން އެހެންމީހުން ސަލާމަތްކުރުމެވެ. އެހެން ނަމަވެސް، ފެޝަނުގެ މަގްސަދަކީ އަނެކާގެ ސަމާލުކަން އަތުލައިގަތުމެވެ. ތިމާގެ ހަށިގަނޑު އަލިފުން ޔާއަށް ފާޅުކޮށްގެން ނަމަވެހެވެ. ކަން މިހެން ހުރުމާއެކު، ފެޝަނަކަށް ބުރުގާ އެޅުމުން ވާނެ ގޮތާމެދު ކުޑަކޮށް ފިކުރު ހިންގަވައި ބައްލަވާށެވެ

މިދަންނަވާ ފެޝަނަށް ފަރިވެ ހިނގާ ކުދިންނާއި އަންހެނުން އަބަދާއި އަބަދު މަގުތަކާއި، އޮފީސްތަކާއި ސްކޫލްތަކުން މިތިބަ ފެންނަނީ އެވެ. ބުރުގާގެ ސައިޒުން ދޭހަވާނީ ފަގީރުކަމުން ފޮތިކޮޅެއް ލިބުމަށް ދަތިވެފައިވަނީ ކަމުގަ އެވެ. ދަންމަޅިއެއްހައި މިންވަރަށް އެ ކުޑަ ފޮތިކޮޅު އިންނާނީ ކަރަށާއި ބޮލަށް ބާރު ކޮށްލާފަ އެވެ. އެފޮތިކޮޅުގެ ތުނިކަމުގެ ބޮޑުކަމުން ބިއްލޫރިއޭ ހީވާ ފަހަރުތައްވެސް އެބަ އާދެ އެވެ. އެ ފޮތިކޮޅު މޭމައްޗާ ހަމައަކަށް ނުފޯރާނެ އެވެ. ލަދެއް ހުރި މީހަކު ނަމަ ލަދު ގަންނާނެ އެވެ. މިއުޅޭ ހެދި ފޯދި ފުރާ ފުރިހަމަވެފައި ތިބި އަންހެނުންގެ މޭމަތިތައް އެހުންނަނީ (ހެދުން އެޅުމާއިއެކުވެސް) ހާމައަށެވެ. ކުރިއަށް ނެރެ ޝޯކޭސްތަކެއްހެން އިޝްތިހާރު ކޮށްފަ އެވެ. ބައެއް ކުދިން ލައިގެން ތިބޭ މަތިތައް ބަނޑާ ހަމައަށް ދާއިރު ކިރިޔަ ކިރިޔާ ހަމަ ފޯރާނީ އެވެ. ސަހަރޯ އެވެ! ބައެއް ކުދިންގެ ހާލު ދެރަކަމުން ބަނޑާ ހަމައަކަށް ނުފޯރަ އެވެ. ލަދެއް ހުރި މީހަކު ނަމަ ލަދު ގަންނާނެ އެވެ. ތިރިން "ވައްޓާލާފައި" އޮންނާނީ ކޮންމެވެސް ޒާތެއްގެ ޖީންސެކެވެ. ނުވަތަ ޒާތެއްގެ ގޮތްބޮޑު ހަރުވާޅެކެވެ. ބޮޑަށް ވައްތަރުވާނީ ޑައިވިން ސޫޓަކާއެވެ. އެ ހުންނާނީ ތިރީ ބަނޑާއި، ފަލަމަސްގަނޑާއި ފަޔަށް ތަތްލާފަ އެވެ. ފުރަގަހުން ކޮނޑުގެ ބައްޓަން ހުންނާނީ ފާޅުވެވެ އެވެ. އެއަށްވުރެ ތިރީގެ ވާހަކަ ނުދައްކައި ފަރުޖެހޭނެ ނަމަ އެވެ. ބުޑު ހާމަވާ ފަދަ ހެދުން އަޅައި ބަރަހަނާކަން ކުރިއަށް އެނެރެނީ ބޭއަދަބީކަމުގެ ބޮޑުކަމުންނެެވެ. ލަދެއް ހުރި މީހަކު ނަމަ ލަދު ގަންނާނެ އެވެ

ޝައްކެއް ނެތެވެ. މަތީގައި ސިފަކުރެވުނު ފަދަ އަންހެނުންނަކީ އަންހެނުންނަށް ހުރި ހުތުރެކެވެ. އެއީ ބުރުގާގެ ހުރުމަތް ކަނޑާ ބައެކެވެ. އައުރަ ނިވާކުރުމަށް ފުރައްސާރަ ކުރާ ބައެެކެވެ. މިބައި މީހުން އައުރަ ނިވާކުރަން މިއުޅޭގޮތް ޖޯކަކަށްވެސް ފުދޭހައި ވެއެވެ. ހުރި ހެއްވާކަމެއްގެ ބޮޑުކަމާ އެވެ! އަދި . . . ހުރި ހިތާމައެއްގެވެސް ބޮޑުކަމާ އެވެ

ބުރުގާ އަޅައި ނިވާވާން ކަމަށް ދެއްކިގެން އޮރިޔާމުން މިއުޅޭ އަންހެނުންނަކީ މުޖްތަމައުގައި އުޅޭ ނިވާކަމަށް ލޯބިކުރާ ޚުލްގު ހެޔޮ ފިރިހެނުންނަށް ހުރި ބޮލުރިހުމެއް މެއެވެ. ވަފާތެރިކަމަށް ލޯބިކުރާ ފިރިއަކު ނަމަ އުޅެންވީ ލޯމަރައިގެންނެވެ. ދައްތައަކާއި އެކު ނުވަތަ ކޮއްކޮއަކާއި އެކު ތަނަކަށް ދާއިރު ލޯފަންނަމައޭ ހީވާހާ ވެއެވެ. އުސޫލެއްގެ ގޮތުން ބަލާއިރު މިފަދަ އަންހެނުން މިދެނީ ނުސީދާ ނަމަވެސް ބޮޑު ނުބައިކަމެއްގެ ދައުވަތެވެ. ހުރި ނުރައްކަލެއްގެވެސް ބޮޑުކަމާ އެވެ

އާދޭހެވެ. ނިވާވާން ކަމަށް ހެދިގެން ފެޝަނަށް ފަރިމިވާ އަންހެނުން މިކުރާ ކަމަކީ އަޚްލާގީ ގޮތުން ވަރަށް ދަށް ފެންވަރުގެ ކަމެކެވެ. މިކަމުގެ ގެއްލުން ހުރީ ހަމަ އެކަނި އެމީހުންނަކަށް ނޫނެވެ. އެހެން މީހުންނަށް މިކަމުން ކުރާ ނޭދެވޭ އަސަރުތަކާއި ވާހައި ދަތިތައް ހަމަ އެހައި ގިނަ އެވެ. އެހެންކަމުން، ނަންވާން ބުރުގާ އަޅައި ފެޝަން ނިވާ ވެގެން މިއުޅޭ އަންހެނުން މިދައްކާ މަންޒަރަކީ ބަދަލުވާން ޖެހޭ އެއްޗެކެވެ. އަޅުގަނޑުމެންގެ މުޖުތަމައުން ފެންނަމުން މިދާ މަންޒަރުގެ ފާޑާއި ކުލަތައް އަވަސް މުއްދަތެއްގައި ބަދަލުވާނޭ ކަމުގެ ފޮނި އުއްމީދުގައި ހުރީމެވެ.

(4 Boothaa) ލިޔުނީ : ސިންޓެކްސް އެރާ

No comments:

Haveeru Daily Online - Headlines