Wednesday 11 June 2008

މިއީ އިއްޔެ ޖަޒްބާތުގެ ހިމަފޮދު ވާރޭ ވެހި ވެހި އޮއްވައި ފެންގަނޑަކުން ނެގި ސިޓީ އެކެވެ

 

ތުނޑާ އެވެ! ހަގީގަތަށް ބުނަން ހެއްޔެވެ؟ މިނިކަމެތި އިންސާނާ އަށް ތިޔަ މިނިކާ ވަގެއްފަދަ ޝަހެޒާދީ ދެކެ ފަޅި ސިކުންތެއްގެ ތެރޭގައި ލޯބި ވެވިއްޖެ އެވެ. މިހާރު ތިލޯބީގައި މިހިތް ބެހެމުން ގޮސް ހުވަދޫ ކަނޑުން ވަންނަނީ އެވެ. މިއީ ކުށެއްކަމުގައި ވަންޏާ އެކުށް ކުރެވިއްޖެ އެވެ. އުގޫބާތަކީ ބޮނޑިބަތް ކަމުގައި ވަންޏާ ރޯހަނޑުލުން ބޮނޑިބަތް ކައްކައި ފޯރުކޮށްދޭނަމެވެ. އަޒުމަކީ ފަތަހަ އެވެ. ނުވަތަ އިރު އޮއްސުމެވެ. މިއީ ތިޔަ އަގުހުރި ހަޔާތުގެ ނަސީބު ލިބިގަތުމަށްޓަކައި ބަޑީގެ ޓްރިގަރަށް ފިއްތައިގެން ހުރި ޒުވާނަކީމެވެ. ތިޔަ އަސަރުގަދަ ޖަޒްބާތުގެ ފޮނިކަމަށްޓަކައި ހަކުރު ރުނބަޔަކަށް ބޯ ކޮށްޕައިގެން ހުރި ޒުވާނަކީމެވެ. އެކަމަކު މިއީ ކޮންމެ ވައްތަރެއްގެ ފޮންޏެއް ބޯ ކޮކާލެއް ނޫނެވެ. ރޯކުރާ ކޮންމެ ހުޅުކޮޅަކަށް ވެއްޓޭނެ ޕަރުވާނާ އެއް ނޫނެވެ

ތުނޑާ އެވެ! ތިޔަ ލޯބީގެ ޖިހާދުގައި އައްޑަނަ އެއް ކަމުގައި ހިތެއް ހިފައިގެން މައިދާނަށް މިނުކުތީ ހުވަފެނަކުންނެވެ. ކަލާގެ ހިތާއި ނަފްސުގެ ނުރުހުންތެރިކަމުން ގަތުލުވެ ޖަނާޒާ އަށް ހުށަހެޅުނަސް ޝަކުވާ އެއް ނުކުރާނަމެވެ. އޭރު އޮންނާނީ މަރުވެފަ އެވެ. ފަސްގަނޑު ދަށަށް ދާނީ ސަންދޯކަކަށް އެރިގެންނެވެ. ލޯބީގެ ޝަހީދެއްގެ ގޮތުގަ އެވެ. ނިޝާނަކަށް ހުންނާނީ ކަޅުކުލައިގެ ގާފުންޏެކެވެ. ގަލުގައި ލިޔެފައި ވާނީ މަލަކުން ފޮނި ބުއި ކޮކާލެއްގެ ނަމެވެ. އޭރުން ދިއްގަރު ބަތަލެއްގެ ގަރެދެ ލިބޭނެކަން ކަށަވަރެވެ

ލޯބިވާ އެވެ! މިފަސް އަކުރައްޓަކައި ދެބުމަ ބާލާށެވެ. ލޯތްބަކީ ދެފަރާތުން ކުރާ އެގްރިމެންޓަކަށް ކިިޔާ ނަމެއް ނޫނެވެ. ކުރާ ސޮޔެކެވެ. ހަގީގީ ލޯތްބެއް އުފެއްދުމަށް ދެޖިންސް ލާން ޖެހުމަކީ ލޯބީގެ ގާނޫނުގެ 40 ވަނަ މާއްދާގެ ހ ށ ގައި ލާޒިމް ކަމެއް ނޫނެވެ. އަންހެން ކުއްޖަކު ދެކެ މުސްކުޅިއަކު ލޯބި ވުމުގެ މާނައަކީ މާމެލާ މެއްޔެވެ. މިއީ މޮޔަގެރި އަވަލުމެވެ. މިހިތާއި މެއާއި ލަނގޮނޑި އަދި ވިންދު މިހާރު މިއޮތީ ސިޓީއަކުން ލިޔެ ފަސްކަނުން ބަނދެފަ އެވެ. އެކަމަކު ލޮލުގެ ރެޓިނާ އަށް ކަލާ ފެނުނު ހިސާބުން ފެށިގެން ހަރުފަތް ގިރާކުރަމުން ގޮސް ސިޑިން ވެއްޓުނީ މިއަދު އެވެ. ލަދާއި ބިރުވެރިކަމުގެ ތޫފާނާހެދި ދިޔުމުގެ ފުރުސަތު އޮތީ ނުލިބިފަ އެވެ. މިއަދު ގަލަން މިނެގީ ލިޔަން ވެގެންނެވެ. ސިކުނޑިއަށް ބުރެއިން ޓިއުމަރެއް ޖެހިގެންނެވެ

ލޯބިވާ ތުނޑާ އެވެ. މަދިރިއާއި ހެދި ނުނިދި އޮތީ ކިތައް ރޭ ހެއްޔެވެ؟ ފިލާވަޅުތަކާއި ގޭވަޅުތަކަށް ވެއްޓުނި ކިތަށް ރޭ ހެއްޔެވެ؟ އެހެންވިޔަސް ނުކުޅެދޭ މީހެއްގެ ގޮތުގައި ޕާކިސްތާނުގެ ލާހޯރަށް ދާން ޖެހުނަސް ކުޅަނދުރު ހަތަޔަށް އޮށްގާ ލީމެވެ. ބާޒާރަށް ދެވިދާނެތީ އެވެ. 2.50ރ އަށް ލަދު ގަނެފާނެތީ އެވެ. އެކަމަކު އެހުރިހާ ވަކަރެއް ފިވެ ކުނޑިއަށް ވީ އެވެ. އުމުރުގެ ޖަލަށް ހުކުމް ކުރަން ޖެހުނަސް ހިއްވަރު ކޮށްފައި ނޫކަރުދާހުގައި މިއަކުރުތައް އެޅީ އެވެ. ކީއްވެ ހެއްޔެވެ؟ ދިގު ބުޅި ވެލާ ބުޅިތަކެއްފަދަ ތިޔަ ކަޅު އިސްތަށިގަނޑުގެ ފަހަތުގައި އޮތް މުގުރުބުރިން ތަޅައި ހިތް ހަލާކުވީ އެވެ. އުނދުނެއް ކަހަލަ ތޔަ ދެތުންފަތުގެ ވަށައިގެން ތަވާފު ކޮށް ސިކުނޑި އެނދީމަ އެވެ. ލޮލާއި ކުޅެމުންދާ ތިޔަ ބިލިމަގު ފަތެއްފަދަ އެސްފިޔަތަކުގެ އެސިޑުގެ ބާރުގައި ޖެހި ނާރުތައް ބުރިބުރި ވީމަ އެވެ

ދެން އޮތީ ދޫނި ހިފުމެވެ. ނުވަތަ ލޯބި ހިފުމެވެ. ޗުކީ ކުޅޭ ގޮތަށެވެ. ޒަޚަމްވެ މައިދާނަށް ގެއްލުން ލިބި މައިދާން ވެއްޓުނު ކަމަށް ވިޔަސް ޒަމްޒަމް ފެން ނުބޮއި ނޭރޭނަމެވެ. ދުނިޔޭން ބޭރުވެގެން ގޮސް ޕޮލޫޓޯ އަށް ދާން ޖެހުނަސް ފަހަތަށް އެންމެ ބައި ފިޔަވަޅެއްވެސް ނާޅާ ގޮތަށެވެ. ކަލާ ލިބުމަށް އެދި ދުޢާ ކުރަމުންނެވެ. މިއީ ނަސީބެއްހުރި ކަތީބެއްނަމަ އެންކަރު މިލްކު ވާނެ އެވެ. އެދުވަހަކުން ދެވަނަ މަޖުނޫނެއް ނާންނާނެ އެވެ. އަންނާނީ އޭނާގެ މުނިކާފަ އެވެ

ހިތާ އެވެ! ތިޔަ ހިތުގެ ދިފާއުގައި ކިތަންމެ ލޯފައުރެއް ރޭވިޔަސް މި ދައްޖާލުގެ މި ނިކަމެތި ނިޔަފަތުން ތިޔަ ފާރުގައި އެންމެ ރޮނގެއް ނަމަވެސް އެޅޭތޯ އުޅޭ ހިތްވީ އެވެ. ގުދުރަތުގެ ތިޔަ ސްޕެޝަލް ފީޗާރސް ގެ ޖަޒްބާތުގައި ބޮނޑިބަތްތައް ހިމާޔަތް ކުރުމަށް ކިތަންމެ ފައުޖަކާއި ސަވާރީ އެއް ސަމާލުގައި ބޭތިއްބިއަސް މިނިކަމެތި އަޅާގެ ގަލަމުގެ ބޭނުން ކޮށްގެން ތިޔަ ހިތް ފަސާދަ ކޮށްލެވޭތޯ ބަލާހިތް ވީ އެވެ. މުޅި ނަފްސާއި ފުރާނަ އަދަބުވެރިކަމާ އެކު އަދަބުުދިނުމަށް ބަރާސިލަށް ފޮނުވަމުންނެވެ

ތުނޑާ އެވެ! ގަހެއްގެ ހިކި ހޯލިތަކެއްފަދަ އިނގިލި ތަކުގެ ތެރޭގައި ތިޔަ އޮތީ ބިޗުލެކެވެ. އަވަހަށް އެއްލައިލާށެވެ. ސީރިއަސްލީ އެވެ. ތިޔައީ ތުނޑު ހިމަ ތޫނު އެތަކެއް ކަށި ހެރި ފާރުވަމުންދާ ސަހަރާގެ ވަލު ޖަނަވާރެއްގެ ހިތެކެވެ. އަމާޒެއްނެތި އުދުހޭ ވައިރޯޅިއާ ހަވާލުކުރިއަސް ހަމައެއްނެތި އަނދަމުންދާ އަލިފާނަށް އެއްލާލިޔަސް ވަރަށް މީރުކޮށް ރޯފިލާނެ އެވެ. ކުދި ނާރުތަކާއި ކުލަ ފަނޑު ލޭކޮޅުން ސޯސް ހެދޭނެ އެވެ

ތިޔައީ މިހިތުގެ ފާލީ ކަންޖެވެ. ކަވާބަކަށް އެދެމެވެ

   liyunee: emoތުނޑާ ދެކެ ލޯބިވާ--މެލަގަނޑު

No comments:

Haveeru Daily Online - Headlines