Saturday 12 April 2008

ޒުވާނެއްގެ އަޑު

 

އިޝްގީ މަންޒިލް

ޅ. ލޯބިދޫ

ޕިޔާރުވިލާތް

ލޯބިވާ ނަތާ އަށް

ލޯތްބާއެކު ވެދުން ސަލާމުގެ މާމެލާމެލި މިފޮނުވަނީ ޖުމްހޫރީ މައިދާނުގެ ކޮތަރުފޯހުގެ ހަވާލުގަ އެވެ.

މިއީ ހަމައެކަނި ވޯޑު ޑޮކިޔުމެންޓެއް ކަމުގައި ނުދެކޭށެވެ. އަދި މިއީ ހަމައެކަނި ކަތިވަޅި ފޮންޓުގެ އަކުރުތަކެއްކަމުގައި ނުދެކޭށެވެ. ނަމަވެސް މިއީ އަހަރެންގެ ހިތުގެ ކެކުޅުމެވެ. ހިތުގެ ކުކުޅުގެ ހަޅޭކެވެ. މިހިތުގެ އުދާސްތަކެވެ. ހިތުގެ އިއުލާނާއި އިޝްތިހާރެވެ. އާނއެކެވެ. ކަލާގެ ނަޒަރު ހުއްޓިފައި ތިވަނީ އަހަރެންގެ ހިތަށެވެ.

ލޯބިވާ އެވެ. ކަލާއަށްޓަކައި އަހަރެންގެ ހިތުގެ ކޮންމެ ކަނެއްވެސް ވަނީ ލޯބިން އޯވަރކްރައުޑްވެފަ އެވެ. ކަލާއަށް ޚާއްސަވެފައިވަނީ ހަމައެކަނި މިހިތުގެ އެންމެ ކަނެއް ނޫނެވެ. މިހިތާއި، ފުރާނައާއި، ޖާނާއި މާލު ކަލާއަށްތަކައި ގުރުބާންކުރުމަށް އަހަރެން މިހިރީ އެލާރޓްގަ އެވެ. މި ހުރިހައި އެއްޗެއް ކަލާއަށްޓަކައި ގުރުބާންކުރުމަށް އަހަރެން ވައުދުވަމެވެ. ވަސިއްޔަތް ކުރަމެވެ. ނަދުރު ބުނަމެވެ.

ހިތުގެ ޝަހެޒާދީ އެވެ. ހަނދާނުގެ ސަފްހާތައް ކުޑަކޮށް އުކައިބަލާށެވެ. އަހަރުމެން ދެމީހުންގެ ފުރަތަމަ ބައްދަލުވުމާއި ހަމައަށެވެ. ކަލާގެ ފައިންޕުޅު އަހަންނަށް ފުރަތަމަ ފެނުނީ ލޯބިވެރިންގެ ޚާއްސަ ނަސީބުގެ ދަރުބާރެއް ކަމުގައިވާ ޓްރެފިކް ލައިޓް ކައިރިންނެވެ. އާހް . . .ކޮންފަދަ އަޖައިބު ކުރުވަނިވި ލޯބި ލޯބި، މައުސޫމް މުނެއް ހެއްޔެވެ. . . ގުދުރަތުގެ އުފެއްދެވުމުގެ މޮޅުކަމުގެ ލާމަސީލު މިސާލެކެވެ. އަސަރުގަދަ ލަތީފީ ހިނިތުންވުމެކެވެ. ފުރިހަމަކަމުގައި ހައްދު ފަހަނައަޅާފައިވަާ ވަނާތަކެކެވެ. އެތައް ހާސް ގަރުނެއްގެ ދިގުމިން ކަމުގައި ހީކުރެވުނު އެފަޅި ސިކުންތުކޮޅު އަހަރެންނަށް ކުރި އަސަރުތައް ބަޔާންކުރެވޭވަރުގެ ގާބިލުކަމެއް މިވޯޑް ޑޮކިޔުމެންޓަކު ނެތެވެ. އިސާހިތަކު ހިތް އޭގެ އޯބިޓުން ނެއްޓި ކަލާގެ ހިތާއި ދިމާއަށް މިސްރާބު ޖެހި އެވެ. ފުރަތަމަ ނަޒަރުން ވާ ލޯތްބަކީ ކޮބައިކަން އެނގުނީ ކަލާގެ އިޝްގީ އިލެކްޓްރިސިޓީގައި ޖެހުނީމަ އެވެ. ނިއުޔޯކު ސިޓީގައި ނުޖެހުނުކަންވާ ރަނގަޅެވެ. ކަލާ އިން ސައިކަލު ކޮށިން ނެރުނު ކުކުޅެއްހެން ދުއްވައިލިއިރުވެސް އަހަންނަށް ހުރެވުނީ ހިލަ ބުދެއްހެން ކަން އެނގުނީ އަދި މާފަހުންނެވެ. ސިކުނޑި ކޯމާއަކަށް ވެއްޓި ބިރުކުޑަ ރިޔާޒު ފަދައިން މަގުމަތީ ހިނގެވި، އިންދިރާ ގާނދީ މެމޯރިއަލް ހޮޓަލުގެ ޑަބަލް ބެޑަކުން ޖާގަ ކަށަވަރުވި ފަހުންނެވެ. އެހިތްގައިމު ތާރީޚީ ވަގުތުކޮޅަށްފަހު ކަލާއަކީ މިހިތުގެ ރާނީ އެވެ.

ހިތުގެ ރާނީ އެވެ. ކަލާގެ ހިތުގެ ރަސްކަން ހޯދުމަށްޓަކައި 7 ފުޅައް މަތިން ފުންމާލަން ޖެހުނަސް ، 7 ފުޅައް ވައްޓާލަން ޖެހުނަސް ފަރުވާލެއް ނެތެވެ. 1000 އަސްވާރުންނާ އެއްފަހަރާ ހަނގުރާމަ ކުރަން ޖެހުނަސް އަދި 1000 އަސް އެއްފަހަރާ ވިހަން ޖެހުނަސް ފަރުވާލެއް ނެތެވެ. ކަލާ ހާސިލް ކުރުމަށްޓަކައި ދުނިޔެ ވަށައި ބުރެއް ޖަހައި ހަނދާ ހަމައަށް ދާން ޖެހުނަސް މިހުރީ ތައްޔާރީ ހާލަތުގަ އެވެ. ކަލާ ހާސިލުކުރުމަށްޓަކައި ޓެރަރިސްޓު ހަމަލާއެއް ދޭން ޖެހުނަސް މިހިރީ ތައްޔާރީ ހާލަތުގަ އެވެ. ކަލާ ހާސިލު ކުރުމަށް އަހަރެން ނުކުރާނެ ކަމަކީ ހަމަ ނެތް ކަމެކެވެ. ކަލާގެ ބައްޕަ ވަލީ ނުދީފި ނަމަ އޭނާއަށް ސައެއް ޖަހާލައިގެން ނަމަވެސް ވަލީ ހޯދާނަމެވެ.

ލޯބިވާ އޫރުޕަރީ އެވެ. ކަލާ މަށަށް ލިބިއްޖެނަމަ އަހަރެން ފުރަތަމަވެސް ވާނީ ދުނިޔެއިން މޮޔަ އެވެ. ކަލާ ލިބިއްޖެނަމަ އަވެލި މޮޑެ ކިޔެވެލި ކިޔަވާނަމެވެ. ހަމައެކަނި ކަލާއަށް ޚައްސަ 7 ނިއުކުލިއަރ ބޮޮމުގެ ސަލާމެއް އަރުވާނަމެވެ. އަހަރުމެންގެ ގުޅުމުގެ އުފަލުގައި ބާތުޑޭ ޕާޓީ ބާއްވާ ސިޔާސީ ޕާޓީ އެއް ރަޖިސްޓްރީ ކުރާނަމެވެ.

ލޯބިވާ އެވެ. ބުނެބަލާށެވެ. އަހަރުމެންގެ މާމުއި ފެކްޓަރީ އަޅާނީ ކޮން ތަނެއްގައި ހެއްޔެވެ؟ މާމުއި ހަނދަށް އެންމެ ކަމުދާ ތަނެއް ހޯދަން އެސްޓިމޭޓު އުސޫލުން އިޝްތިހާރު ގޮވާނީ ދޯ އެވެ. . . ކޮންމެއަކަސް، މިއަޅާގެ ގަމާރު ސިކުނޑިއަށް އަންނަ އާދަޔާ ޚިލާފު ދެތިން މާސްޓަރމައިންޑް އައިޑިޔަރެއް ދަންނަވައިލާނަމެވެ. ފުރަތަމަ ޗޮއިސް އަކީ ބިޓު އެން ބިޓު ސްޕާ ރިސޯޓެވެ. ދެވަނައީ ވަން އެން އޮންލީ ކަނުދެލޯ އައިލެންޑެވެ. ތިންވަނަ ޖަވާބަކީ މަކުނުދޫ އެން ގޮރިއްލާ ރިސޯޓެވެ. ހަތަރުވަނައީ ބަނގުރާ ވިލެޖް އެން ސްޕާ ރިސޯޓެވެ. ޗޮއިސް އިޒް ޔުއާޒް އެވެ. އައި އޭމް އިމޯޝަނަލީ ޔުއާޒް އެވެ. . . ކަލާ ވިދާޅުބަސްފުޅު އިއްވަވާ ހަމަ ކޮންމެ ހިނދެއްގައި މިފަކީރުގެ ދޫ ފާސްޓްފޯވާޑަށް ލެވި ސާބަރޭ ހިއްވަހޭ ކިޔައި ވަޅޯ ތާފަނާ ތަރުހީބެއްދޭން ހިތް ތަރަތަރަ ޖަހައިގަނެ އެވެ. ނަމަވެސް ، ހުރި ހަލާކެއްގެ ބޮޑު ކަމާ އެވެ. އެފަދަ ކޮންމެ ސްޓްރެޓެޖިކް ދަނޑިވަޅެއްގައި މިނިކަމެތި ފަކީރުގެ ކުޑަދުލުގައި ގޮށް ޖެހެ އެވެ. އަނގައިން ބަސް ހުސްވެ ބަސް ހުސްވުމުގެ ހަޅުތާލެއް އޮޓަމެޓިކުން ފެށެ އެވެ.

ދެން ފަހެ ، މިހިރަ މިހިރަ ކަންތައް މިހެން ހުރުމާއެކުވެސް ކަލާއާއި ނުލައި އެންމެ ބައި ގަރުނެއްހާއިރު ނޭވާ ނުލައި ހުރުމަކީވެސް މި ނޭވާހިއްލާ ފަކީރަށް ވަރަށް ކްރިޓިކަލް މައްސަލައަކަށް ވެއްޖެ އެވެ. ކަލާ ނުލިބިއްޖެ ނަމަ އަހަރެން ދެދުނިޔޭން ވެސް މޮޔަ ނުވާނޭ ކަމުގެ ގަރަންޓީ އޮތީ 5- ޑިގްރީ ސެލްސިއަސްގަ އެވެ. ކޮންމެއަކަސް، އަހަރެންގެ ކަރާއި ގުޅިފައި މިވާ ބުއްދިވެރި ބޮޑުރުއް ކާށި ބުނަނީ ކަލާ ލިބުމަކީ އަހަރެންގެ ބޭސިކް އެނިމަލް ރައިޓަކަށް ނުވާނަމަ ލެފްޓަކަށް ނަމަވެސް ވާނެ ކަމުގަ އެވެ. އެހެންޏާފަހެ، އެނިމަލް ރައިޓްގެ ކޮންވެންޝަންގެ ސޭވް ދަ ޓާރޓްލް އޭ ކިޔުނު ބާބުގައި ، ކަލާ އަކީ އަހަރެންގެ ސޯޅަ ޕްރޮޕަޓީއެއް ކަމުގައި ލިޔެފައި އެވަނީ ޝަރީފު އިބާރާތުންނެވެ.

ލޯބިވާ ޓެކްސީ ގަނޑާ އެވެ. ވަންވޭތައް މިހައި ގިނަ ޒަމާނެއްގައި ކަލާގެ ޑިކީން ނަމަވެސް މި ޑަސްބިން ބޭގަށް ޖާގައެއް ނުދީ ކަލާ އަނބުރާލާފައި ދާނީ ކިހިނެއް ހެއްޔެވެ؟

ލޯބިވާ ފަޅޯގަޑިއާ އެވެ. މިފަތްކޮޅު ފެށިތަނުގައި އަޅިގަނޑު ދަންނަވާފައި ވާނެފަދައިން " އަހަރެންނަށް މިހާރުވެސް މާގިނަ ވަގުތު ނަގާލެވި ވާހަކަ މިހާރު މާ ދިގުވެސް ވެއްޖެ އެވެ."

މިހިތުގެ ވިޝް އަކީ ކަލާގެ ބްރެއިން ވޮޗް ކޮށްލުމުގެ ކުޅަދާނަކަން ކަލާގެ ގޭ ކުރިމަތީ އަނގަ ތަންމިނަށް ހުޅުވައިގެން އަބަދުމެ ތާއްޔާ ޖެހި ޖެހި އިންނަ ސެކިޔުރިޓީ ގާރޑަށް ދެއްވުމެވެ.

ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާ އަށް މިއަޅާގެ ބިޓު ޅާއި ދެއްވާނދޭވ . . . !

އިހުތިރާމުން ގަރުދިޔަ ކެއްކުން އެދެވިގެން ވެއެވެ.

50 ގެރިމަސް 2008

ޚާދިމް.ކޮމް I low U

ބަދުނާމް ކަޅުތުއްތު ބުނި ގޮނޑިކޮއްކޮ

(4 the lost) emo : ލިޔުނީ

Friday 11 April 2008

މާލޭ އަތިރިމަތި އެނޑް ތޮށިމަތި ސްޕާ އައިލެންޑް ރިސޯޓް

 

މިއީ އާވާހަކަ އެއްނޫނެވެ.ފަހަރެއްގައި އަޅުގަނޑަށްވުރެ ބޮޑަށް ތިބާ އަށް މިކަން އެނގިފައި އޮތުން ބޮޑެވެ.އަދި ކިއެއްހެއްޔެވެ. ތިބާއީ މިދަންނަވާ ރިސޯޓްގައި އުޅުއްވަވާފައި ވަޑައިގަތް ބޭފުޅަކަށްވުން އެކަށިގެން ވެއެވެ. އެހެން ވެއްޖެނަމަ ތިބާއަށް ހަލާކު ހުއްޓެވެ

ބުނެ އުޅޭ މަޝްހޫރު ތެދު ވާހަކަ އެކެވެ. އެކަހެރި ތަނެއްގައި ހިލޭ ފިރިހެނަކާއި އަންހެނެއްވާނަމަ، 3 ވަނަ އަށް ޝައިޠާނާ ނުވެ ނުދާނެއެވެ.އެހެން ކަމަށްވާނަމަ، ރޭގަނޑުގެ. އަދިރީގެ ޖާދޫގައިއެފަދައިންވީނަމަ، ތިބާއަށް ހީވަނީ ކިހިނެއް ހެއްޔެވެ

ދެން މިދަންނަވާ ރިސޯޓުގެ ވާހަކަ ދަންނައެވެ. ތަނަކީ ޙަޤީޤައި ގުދުރަތީ ޢަޖައިބުން ފުރިފައިވާ ތަނެކެވެ. ކަލާންގެ ޤުދުރަތްތެރިކަމާއި، ކުޅަދުންވަންތަކަން، ވިސްނައިފި އަޅަކަށް ކިތަންމެހާ ރަނގަޅަކަށްވެސް ހާމަވެއެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް ޚިޔާލަށްވެސް ނައިސް، ރޭގަނޑުގެ ނުބައިކަން ތިމާގެ ހަށިގަނޑަށް ވައްދާ ހަރާ ބަޔަކަށްވުރެ މޮޔަ ބަޔެއް ކޮބައި ހެއްޔެވެ.

ފަހަކަށް އައިސް މި ރިސޯޓަށް ޒިޔާރަތްކުރާ ދިވެހިންވަނީ ކިތަންމެހާ ތަނެއްވެސް އިތުރު ވެފައެވެ. ކޮންމެ ރެއަކުވެސް "ހައުސް ފުލް" ވާންދެން މީހުން އައިސްގޮސް ވެއެވެ. ތަނުގެ ޚިދުމަތުގެ ފުރިހަމަކަމާއި، މާޙައުލުގެ ފުރިހަމަކަމަށް ސާބަސް ދޭޙާލުގައި އަދި އަންނާން ވައުދު ވަމުންނެވެ. ރިސޯޓްގެ އޯނަރު މ.ރ ޖޭ.ވާ އިބިލީހަށް ހާދަހާވާފައިދާ އެކެވެ.

ތިބާ މިލިޔުން ވިދާޅުވަމުން ދަނީ ރޭގަނޑެއްގައި ނަމަ، ބަދުއަޚްލާޤީ އެތަށް ކަމެއް މާލޭ ވަށައިގެން އެއޮތް ތޮށިމަތީގައި ހިގަމުންދާކަމުގެ ޚަބަރު އިއްވާފާނަމެވެ. ތިބާއައް ޙައިރާންކަން އިޙްސާސް ނުކުރެވޭތޯއެވެ. އަހަރަމެންނީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއް ކަމުގައި ދައުވާކުރަމުން ދާ ބައެއް ކަމުގައި ޚުދު ތިބާވެސް އެއްބަސްވެލައްވާނެއެވެ. އެހެންކަމަށްވާނަމަ، މުސްލިމުންގެ ޢަމަލުތަކާއި ނުބައްދަލް ޢަމަލުތަކެއް ތަކްރާރުވެ ޢާންމުވުމުގެ ޢަލާމާތަކީ ކޮބައިތޯއެވެ. ތާރީޚުގެ މުއްސަނދި ސޮފްޙާތައް އުކާލުމަށްފަހު، ޒަމާނުގެ ތާރީޚަށް އެނބުރި ރުޖޫޢަވެލައްވާށެވެ. ދީނީ "ތަރައްޤީއެއް" ތިބާއަށް ފެނިލައްވާތޯއެވެ.

ބަލަ މިކަން ހުއްޓާންވީ ވަޤުތު އަދިވެސް ނާންނަނީ ކަމުގައި ތިބާ ހީކުރީ ހެއްޔެވެ. މިކަމުގައި އަޑު އުފުލާނެ ވާހަކަ ދެއްކުންތެރިން ކޮބައިހެއްޔެވެ. ޝަޚްސިއްޔަތު ހުރި ސިޔާސީ ބޭފުޅުންޅުންނާއި، ސިޔާސީ ޕާޓީގެ އަޑުތައް ކޮބައިހެއްޔެވެ. އެބައެއްގެ ލިޔުންތަކުގެ ޖާދޫގައި އާންމުން ޖެއްސި ލިޔުންތެރިން ނެތުނީ ހެއްޔެވެ. އެތިބަ މޮޅު ރިޕޯޓަރުންނާއި ނޫސްތައް ވަދެވީ ކޮންތާކު ހެއްޔެވެ. ނުވަތަ މިކަމަކީ ތިބާއަށް އެހާ މުހިންމުކަމަކަށް ނުވަނީ ހެއްޔެވެ. ނުވަތަ ގަނޑެއްގައި ލިޔެފައި އޮތީމާ ޤަބޫލު ނުކުރަނީ ހެއްޔެވެ. އެހެންކަމަށްވާނަމަ، ލޮލުންދެކެ، އަތުން ހިފާފައި އައިސް، ޙައްޤު ކުރިޔަށްނެރެމާ އަންނާށެ.ނޫނޫ ތިބާވެސް

މީހާ ހިސާބަށް އާދެވުނު އިރު، "އެރިސޯޓުގައި" ކަން ހިގާގޮތް ތިބައަށް ސޫރަ ކުރެވޭނޭ ކަމުގައި ހީކުރަމެވެ. ނުކުރެވުނުނަމަ ދަންނަވަމެވެ. އެތާންގައި ކަންހިނގާ ގޮތްލިޔާން އަޅުގަނޑުގެ ލަދުރަކިކަން އެބަ މަނަޢަކުރެއެވެ. މިވަރުން އެނގިވަޑައިނުގަތްނަމަ، ވަޑައިގެން ބައްލަވާ، ޙައްޤުބަސް ވަޅުލެވިފަ އޮތްތަނުން މައްޗަށް ނަންގަވާށެވެ

މިފަހަކުން މާލޭގައި ވަކިހިތްޕާލާފައި ހުރި "މިކަހަލަ ރިސޯޓްތައް" ނައްތާލުމަށް އަހަރަމެން ކުރި ހަނގުރާމައިގައި ނަޞްރު ލިބުނުކަން ތިބާ ނުދެނަހުރީމު ހެއްޔެވެ؟ މިފަހަރު މާލޭ ރައްބޭރު ތޮށިމަތީ އުފެދިފައިވާ "ފިތުނަ" ނައްތާލުމަށް "ލަޝްކަރު" ތައްޔާރު ކުރަންވީ ކަމުގައި ހީކުރަމެވެ. އެއީ ތަންކޮޅެއް އަލިގަދަ ބޮކިތަކައް ހިފައިގެން ކަމުގައި ވިޔަސް ހެވެއެވެ.

" Abul Barakat Usuful Baru bary 2 vana "

Wednesday 2 April 2008

Dr. Hassan Saeed vs Mr. Maumoon Abdul Gayoom




ޑޮކްޓަރ ހަސަން ސައީދު އާމޫނަކަށް ނުވެ މައުމޫނަކަށް ވެދާނެބާ....؟
އަޅުގަނޑުގެ އުމުރުން މިވީ 18 އަހަރުގެ މުއްދަތުގައި އަލްއުސްތާޛު މައުމޫން އަބްދުލް ގައްޔޫމް ނޫން ބޭފުޅެއްގެ ވެރިކަން ދުށުމުގެ ނަސީބު އަދި މިވަނީ ނުލިބި އެވެ. މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުންގެ ހާލެވެ. އެހެން މީހުން ފަދައިން އަޅުގަނޑުވެސް މައުމޫނަށް ތާއީދުކުރި ދުވަސްވަރެއް ދިޔަ އެވެ. ނަމަވެސް އެއީ މާޒީ އެވެ. ރައްޔިތުންގެ ގިނަ ބައެއްގެ ފަރާތުން މިހާރު އިވެމުންދަނީ އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވައިލެވޭ އަޑެވެ. އަޅުގަނޑުގެވެސް ހިތުގެ އެންމެ ފުންމިނުގެ ޝުއޫރަކީ އެއެވެ. މައުމޫނު ބޭނުމެއް ނޫނެވެ. ބޭނުމީ އައު މޫނެކެވެ. މިގޮތުން ދިވެހި ރާއްޖޭގެ ސިޔާސީ މައިދާނުގެ އެނބުރުންތަކާއި ސެނބުރުންތައް ހުރިގޮތުން ދެން ވެރިކަމަށް ވަޑައިގަތުން އެންމެ ގާތް އެއް ބޭފުޅަކީ ޑޮކްޓަރ ހަސަން ސައީދެވެ. އެހެން ކަމުން ނުކޮށް ދޫކޮށްލެވެން ނެތް ސުވާލަކީ ޑޮކްޓަރ ހަސަން ސައީދު އައު މޫނަކަށް ނުވެ މައުމޫނަކަށް ވުމުގެ ފުރުސަތު އޮތީ ކިހައިވަރަކަށް ބާވަ އެވެ؟ އެހެން ގޮތަކަށް ދަންނަވާނަމަ ހަސަން ސައީދު މައުމޫނުފަދަ ވެރިއަކަށް ނުވެ ރައްޔިތުން އެދޭފަދަ ވެރިއަކަށް ވުމުގެ ފުރުސަތު އޮތީ ކިހައިވަރަކަަށް ބާވަ އެވެ؟
އެދެބޭފުޅުންގެ ދެމެދުގައި ހުރި އެއްގޮތް ކަންތަކާއި ތަފާތުތަކަށް ބަލައިގެން ދެންމެ މިދެންނެވި ސުވާލުގެ ޖަވާބު އަޅުގަނޑުމެންނަށް ހޯދިދާނެ އެވެ.
މިގޮތުން އެއްގޮތް ކަންތަކަށް ބަލާއިރު ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ ދެބޭފުޅުންގެ ތައުލީމީ ހަޔާތެވެ. ދެބޭފުޅުންނަކީ ވެސް ތައުލީމީ ހަޔާތުގައި ވިދާލި ދެ ތަރިންނެވެ. މައުމޫނު ކިޔަވައިވިދާޅުވުމަށްޓަކައި ބޭރަށް ވަޑައިގަތީ ރާއްޖޭގެ މަޖީދިއްޔާއިން އެއްވަނަ ހޯއްދަވައިގެންނެވެ. މިސްރުން ކިޔަވައިވިދާޅުވެގެން ރާއްޖެ ވަޑައިގަތީވެސް އެއްވަނަ ހޯއްދަވައިގެންނެވެ. ހަސަން ސައީދުވެސް ކިޔަވައި ވިދާޅުވުމަށް ވަރަށް ތުއްޕުޅުއިރު ބޭރަށް ވަޑައިގެން އުޅުއްވި މަދަރުސާތަކުގައި ވަރަށް ބޮޑަށް ވިދައިލި އެވެ. ކިޔަވައިވިދާޅުވުމަށްފަހު ރާއްޖެ ވަޑައިގަތީ ޕީއެޗް.ޑީ ހާސިލުކުރައްވައިގެން ޑޮކްޓަރުގެ ލަގަބާ އެކުގަ އެވެ.
ދެން ފާހަގަ ކޮށްލެވެނީ ސިޔާސީ ދާއިރާ އަށް ނުކުމެވަޑައިގެންނެވިއިރު ޒުވާން ބޭފުޅުންނަށް ވުމާއި ބުރުސޫރަފުޅު ރީތިވުމެެވެ. ދެބޭފުޅުންވެސް ތައުލީމީ ހަޔާތަށްފަހު ވަރަށް ޒުވާން އުމުރުފުޅުގައި ސަރުކާރުގެ އިސް މަގާމުތަކަށް ވަޑައިގެންނެވި އެވެ. އަދި އާއްމު ދިވެހިންނާއި ތަފާތު، ފާހަގަ ކޮއްލެވޭ މިންވަރަކަށް "ހޭންޑްސަމް" ކަމުގައިވެސް ދަންނަވަން ޖެހެ އެވެ. މިއީ ހޮޅި ވާހަކައެކޭ ބައެއް ބޭފުޅުން ވިދާޅުވި ނަމަވެސް މިނުކުތާ ފާހަގަ މިކޮައްލީ ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ކޮއިޒޫމީ އަށް ބޮޑު ތާއީދެއް ލިބުމުގެ ސަބަބަކަށް މިކަން ވެފައި އަދި މައުމޫނަށް ލިބުނު ތާއީދުގައިވެސް މިކަން ސަބަބެއްކަމުގައި ހިމެނޭކަމުގައި ގަބޫލުކުރެވޭތީ އެވެ.
ދެން އެންމެ ފާހަގަކޮށްލެވޭ އެއްގޮތްކަމަކީ ދެބޭފުޅުންވެސް އެބޭފުޅުން ތައުލީމު ހާސިލުކުރައްވައިގެން ރާއްޖެ ވަޑައިގެންނެވިއިރު އޮތް ވެރިކަމުގައި ވަޒީރުކަން ކުރެއްވުމާއި، އެއަށްފަހު ސަރުކާރާއި ދެކޮޅުވުމާއި، ފާޑުވިދާޅުވުމާއި، އިސްލާހަށް ގޮވައިލެއްވުމެވެ. މައުމޫނު ވަޑައިގަތީ ރައީސް ނާސިރުގެ ދައުރުގަ އެވެ. ރާއްޖެ ވަޑައިގަތުމައްފަހު (ދުވަސްކޮޅެއް ފަހުން) ނާސިރުގެ ސަރުކާރުގައި ޓްރާންސްޕޯޓް މިނިސްޓަރެއްގެ ވަޒީފާ އަދާކުރެއްވި އެވެ. އަދި ނާސިރުގެ ވެރިކަމުގެ ނިމުމާއި ކައިރިވެފައި ވަނިކޮށް ފެނިގެންދިޔައީ މައުމޫނު ސަރުކާރާއި ދެކޮޅުވެރިވެވަޑައިގަތުމާއި، ސަރުކާރަށް ފާޑުވިދާޅުވުމާއި، ޑިމޮކްރަސީ އާއި އިސްލާހަށް ގޮވައިލެއްވި ތަނެވެ. ހަސަން ސައީދުވެސް ރާއްޖެ ވަޑައިގެން ދައުލަތުގެ ބަންޑާރަ ނައިބުކަމުގައި ހުންނެވުމަށްފަހު އިސްތިިއުފާ ދެއްވިތަން އަޅުގަނޑުމެންނަށް އެވަނީ ފެނިފަ އެވެ. އަދި ހަމަ ވަގުތުން ސަރުކާރަށާއި މައުމޫނަށް ފާޑުވިދާޅުވާން ފެއްޓެވި އެވެ. އަދި ޑިމޮކްރަސީ އާއި އިސްލާހުގެ ވާހަކަ މެދުކެނޑުމެއްނެތި އެގެންދަވަނީ ދައްކަވަމުންނެވެ. މިއީ ދެބޭފުޅުންގެ އެންމެ ފާހަގަކޮށްލެވޭ އެއްގޮތްކަމެވެ.
މީގެ އިތުރުން ވާހަކަދެއްކުންތެރިކަމަށް މޮޅުވުމާއި، ތިމާ ދެކޭގޮތަކީ އެންމެ ރަނގަޅުގޮތް ކަމުގައި ދެބޭފުޅުންމެ ދެކެވަޑައިގަންނަވާކަމީވެސް ދެބޭފުޅުންގެ އެއްގޮތް ސިފަތަކެވެ. އާދެ، ގާތްގަނޑަކަށް 30 އަހަރުވަންދެން ކިނބިގަސްދޮށުގޭ މައުމޫން އަބްދުލް ގައްޔޫމް އަޅުގަނޑުމެންގެ ވެރިކަން ކުރައްވާފައިވަނީ އެފަދަ ދެވަނަ ހެޔޮލަފާ، އަޅުވެރި، ދީންވެރި، އިލްމުވެރި، މަޑުމޮޅި، އޯގާތެރި، ކެތްތެރި، ވިސްނުންތެރި، ހިކްމަތްތެރި، ރޭއްވުންތެރި ޒައީމެއް އަޅުގަނޑުމެންނަށް ދުވަހަކުވެސް ނުލިބޭނެއޭ ހީކުރުވަމުންނެވެ. ތަކުރާރުކޮށް 30 އަހަރުވަންދެން އެމަނިކުފާނު ހެއްދެވިހައި ދޮގުތަކާއި، ކުރެއްވި އަހުދުތައް ރައްޔިތުން ބަލައިގަތްކަމީ އެމަނިކުފާނުގެ ވާހަކަދެއްކުންތެރިކަމުގެ މޮޅުކަމަށް ދަލީލުލިބޭ ކަމެކެވެ. އަދި އެމަނިކުފާނުގެ މިގާބިލިއްޔަތު ބޭނުންކުރައްވާފައިވަނީ އެމަނިކުފާނު ބޭނުންފުޅުވާހައި ގޮތަކަށް ކަންތައް ކުރެއްވުމުގެ ހަތިޔާރެއްގެ ގޮތުންނެވެ. ޑރ. ހަސަން ސައީދަކީވެސް މޮޅު ވާހަކަދެއްކުންތެރިއެކެވެ. އެއްޖުމްލައެއް ތަކުރާރުކުރައްވައިގެން ވާހަކަފުޅުގެ އަސަރުގަދަކުރެއްވުމަށް މޮޅު ބޭފުޅެކެވެ. އަދި އެމަނިކުފާނުގެވެސް ބަލިފަޔަކީ އަމިއްލައަށް ދެކެވަޑައިގަންނަވާ ގޮތަކީ އެންމެ ރަނގަޅު ގޮތްކަމުގައި ދެކެވަޑައިގަތުން ކަމުގައި ހަސަންގެ އެކުވެރިން ވިދާޅުވެ އެވެ. އެހެންކަމުން މިއީވެސް ހަސަނާ މައުމޫނުގެ އެއްގޮތް ސިފަތަކެވެ.
ޑރ. ހަސަން ސައީދާއި އުސްތާާޛު މައުމޫނުގެ އެތައް އެތައް އެއްގޮތް ސިފަތަކެއް ހުރިނަމަވެސް ވަރަށް ބޮޑެތި ތަފާތުތަކެއްވެސް އެބަހުއްޓެވެ. ދެބޭފުޅުންގެ ތަފާތުތަކުގެ ތެރެއިން ފުރަތަމަ ތަފާތެއްގެ ގޮތުން ފާހަގަކޮށްލަންޖެހެނީ ތައުލީމު ހާސިލުކުރެއްވި ތަނުގެ ތަފާތެވެ. އާދެ، މީހަކު ކިޔަވާ އެއްޗަކާއި ކިޔަވަން އުޅޭ މާހައުލަކީ މީހާގެ އުޅުމާއި، ވިސްނުމާއި، އަގީދާއަށް ބޮޑެތި އަސަރުތަކެއް ކުރުވާނެ ކަންކަމެވެ. މިރޮނގުން ބަލާއިރު މައުމޫން ތައުލީމު ހާސިލުކުރެއްވީ އަރަބި ދުނިޔެއިންނެވެ. މިސްރުގައި އެހުންނަ މުސްލިމުންގެ މަޝްހޫރު އަޒްހަރު ޔުނިވަރސިޓީއިންނެވެ. އަރަބި ބަހުގެ އިތުރުން އިނގިރޭސި ބަސްވެސް ދަސްކުރެއްވީ ހަމަ އެގައުމުންނެވެ. މިއާ ޚިލާފަށް ހަސަން ސައީދު ތައުލީމު ހާސިލުކުރައްވަން ފުރަތަމަ ވަޑައިގަތީ އިރުމަތީގެ މުސްލިމު ގައުމު ތަކަށެވެ. އާދެ، ފުރަތަމަ، ދީން އުނގެނިވަޑައިގަތުމަށްޓަކައި ވަޑައިގަތީ ޕާކިސްތާނަށެވެ. އެއަށްފަހު، ޝަރުޢީ އިލްމު އުނގެނިވަޑައިގަތުމަށް ވަޑައިގަތީ މެލޭޝިޔާއަށެވެ. އަދި އެއަށްފަހު ޕީއެޗް.ޑީ ހާސިލުކުރެއްވުމަށް ވަޑައިގަތީ ހުޅަނގުގެ ތަހުޒީބުގެ މަރުކަޒެއްކަމުގައިވާ އޮސްޓްރޭލިޔާއަށެވެ. މިދެންނެވި ތަފާތުން މޫލައިގެން ކުރިފަޅައިފައިވާ އަނެއް ތަފާތަކީ ދެބޭފުޅުންގެ މައިގަނޑު އެޖެންޑާގެ ތަފާތެވެ. އާދެ، މައުމޫނު ފާހަގަކުރެވެނީ ދީނީ ލީޑަރެއްގެ ގޮތުގައެވެ. ގިނަ ބޭފުޅުންގެ ބަހުންނަމަ ދީން އައްޑަނައަކަށް ހައްދަވައިގެން ވެރިކަންކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. ނަމަވެސް، ހަސަން ސައީދު ބޮޑަށް ފާހަގަކުރެވެނީ ޝަރުޢީ ނިޒާމަށް ސަމާލުކަން ދެއްވާ ލީޑަރެއްގެ ގޮތުގަ އެެވެ. އަދި ހަމަ މިފަދައިން މައުމޫނަކީ ލިޔުންތެރިކަމާއި އަދަބިއްޔާތަށްވެސް ޚިދުމަތް ކުރއްވަމުން ގެންދަވާ ބޭފުޅެކެވެ. މިކަމުގައި މައުމޫނުގެ މަގްސަދު ކޮންމެ ގޮތަކަށް އޮތް ކަމުގައިވިޔަސް (މަގްސަދު އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ އެމަނިކުފާނަށެވެ.)، ހަސަން ސައީދު އަދި މިދާއިރާއިން ފާހަގަ ކުރެވިފައެއް ނުވެ އެވެ.
ދެވަނަ ތަފާތެއްގެ ގޮތުން ފާހަގަކޮށްލަން ޖެހެނީ ދެބޭފުޅުން އުފަންވެވަޑައިގަތް ތަނުގެ ތަފާތެވެ. އާދެ، މީހާ އުފަންވެ، ފުރާވަރާ ހަމައަށް ނަމަވެސް އުޅޭ ތަނުގެ އަސަރު މީހާއަށް ކުރާނެކަމާމެދު ޝައްކެއްނެތެވެ. މީހާގެ ހިތުގައި އެތަނަކާމެދު ޝުއޫރުތަކެއް ވާނެ އެވެ. ހަމަ އެހެންމެ މީހާގެ ހުވަފެންތަކާއި އުއްމީދުތަކުގެ މަރުކަޒީ ޕޮއިންޓަކީ އެއީ ކަމުގައިވެސް ވުމަކީ އެކަށީގެންވާ ކަމެކެވެ. މިގޮތުން ބަލާއިރު، ހަސަން ސައީދު އުފަންވެވަޑައިގަތީ އައްޑު އަތޮޅުގަ އެވެ. ނިކަމެތީންގެ ރާއްޖެ ތެރޭގަ އެވެ. ނަމަވެސް މައުމޫނު އުފަންވެވަޑައިގަތީ ފުރަމާލޭގަ އެވެ. އާދެ، ބޮޑުންނާއި ބޭފުޅުންގެ ރަށުގަ އެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި އަޅުގަނޑުމެންނަށް ފެނިފައި މިވަނީ ކުރެއްވިހައި ކަމެއް ބޭފުޅުންގެ މި މާލެއަށް ކުރެއްވި ތަނެވެ. ކުރެއްވިނަމަ ކުރެއްވި ތަރައްގީއަކުން "ހަމައެކަނި ބަރުކުރެއްވީ މާލެ" އެވެ. މިދަންނަވަނީ ހަސަން ސައީދު އައްޑު އަތޮޅާމެދު އަދި އެހެން އެއްވެސް އަތޮޅަކާމެދު އަދި ރަށަކާމެދު އިމްތިޔާޒުތަކެއް ގެންގުޅުއްވާނެއެކޭ ނޫނެވެ. ނަމަވެސް، "ހަމައެކަނި މާލެ ބަރުކުރުމުގެ" ސިޔާސަތަށް ބަދަލު ގެންނެވުން އެކަށީގެންވާ ވާހަކަ އެވެ.
ޑރ. ހަސަން ސައީދާއި މައުމޫނުގެ ތަފާތުތަކުގެ ތެރެއިން އެންމެ މުހިއްމު، އެންމެ ބޮޑު އަދި އެންމެ ފާހަގަ ކޮށްލެވޭ ތަފާތަކީ ދެބޭފުޅުންނަށް ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ސިޔާސީ މާހައުލުގެ ތަފާތެވެ. އަލްއުސްތާޛު މައުމޫން އަބްދުލް ގައްޔޫމް ސިޔާސީ ދާއިރާއަށް ނުކުމެ ވަޑައިގެންނެވީ ކުރިންވެސް ދަންނަވާފައިވާނެ ފަދައިން ރައީސް ނާސިރުގެ ދައުރުގަ އެވެ. ނަމެއްގައި ޖުމްހޫރީ ވެރިކަމެއް ނަމަވެސް ޚުދްމުޚްތާރުކަމުގެ މިސާލަކަށް ފުދޭ ވެރިކަމެކެވެ. ޑިމޮކްރަސީގެ ކުލަ ވަރަށް ފަނޑު ދުވަސްވަރެއްކަމުގައި ނޫނީ ނުދެންނެވޭނެ އެވެ. ސިޔާސީ ޕާޓީތަކެއް ނެތެވެ. މުސްތަގިއްލު ގާނޫނު ހަދާ މަޖްލީހެއް ނެތެވެ. މުސްތަގިއްލު މުވައްސަސާތަކެއް ނެތެވެ. އަދި އެފަދަ ޝަރުޢީ ނިޒާމެއްވެސް ނެތެވެ. މިނިވަން ނޫސްވެރިކަމެއް ނެތެވެ. ސިޔާސީ ގޮތުން ރައްޔިތުންގެ ހޭލުންތެރިކަން ވަރަށްވެސް ދަށްކަމުގައި ދަންނަވަން ޖެހެ އެވެ. އާދެ، މައުމޫނު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރުވެސް އަދި އެމަނިކުފާނުގެ ސިޔާސީ ހަޔާތުގެ ވަރަށް ބޮޑު ބަޔެއްގައިވެސް ކަން އޮތީ މިހެންނެވެ. ސިޔާސީ އެއްވެސް ވާދަވެރިކަމެއް ނުވަތަ ގޮންޖެހުމެއް ނެތޭވެސް ދެންނެވިދާނެ އެވެ. އެހެންނަމަވެސް ޑރ. ހަސަން ސައީދަށް ކުރިމަތިލައްވަން ޖެހިފައި މިވަނީ އެއާއި ވަރަށް ތަފާތު ސިޔާސީ މާހައުލަކާއި އެވެ. ވާދަވެރިކަން އޭގެ އިންތިހާގައިވާ މާހައުލެކެވެ. ޑިމޮކްރަސީގެ ކުލަވަރު ޖެހެމުންދާ ސިޔާސީ މައިދާނެކެވެ. ވާދަވެރި ސިޔާސީ ޕާޓީތައް އެބަހުއްޓެވެ. ނޫސްވެރިން މިވަނީ އިސްއިފުލައި ހަށިފޮޅާލައިފަ އެވެ. ރައްޔިތުން މިވަނީ ސަރުކާރުން ޖަހާހައި ބެރަކަށް ނެށުން ހުއްޓާލައިފި އެވެ. މިހާރު އެމީހުންނަށް، ވާނުވާ ފުދޭވަރަކަށް އެބަ އެނގެ އެވެ. އެހެންކަމުން ހަސަން ސައީދަށް ކުރިމަތިވެފައި މިވަނީ ވަރަށް ވާދަވެރި، ގޮންޖެހުންތައް ގިނަ ސިޔާސީ ވެއްޓެއް ކަމުގައި ދަންނަވަން ޖެހެ އެވެ. ދެލީޑަރުންގެ އެންމެ ބޮޑު ތަފާތަކީ މިއެވެ.
އާދޭހެވެ. މައުމޫނަކީ ކޮންކަހަލަ މޫނެއްކަން މިހާރު ދިވެހިންނަށް އެނގެ އެވެ. އޭނާ ކުރެއްވިހައި ރަނގަޅުކަމެއް އަލިފުން ޔާއަށް އެނގުމާއެކު އޭނާގެ އަނދިރިފަރާތްވެސް ދިވެހިންނަށް މިދަނީ އެނގެމުންނެވެ. ނަމަވެސް، ހަސަން ސައީދުގެ ވެރިކަމެއް އަދި އަޅުގަނޑުމެންނަކަށް ނުފެނެ އެވެ. ފެނިފައިވަނީ އޭނާގެ ސިޔާސީ ހަޔާތުގެ މިހައިތަނާ ހަމައަށް އޮތް ވަރަށް ކުޑަ ބަޔެކެވެ. އަދި އޭނާ ދިވެހި ރާއްޖޭގެ ރައީސްކަމަށް ވަޑައިގަތުމަށް ކުރައްވަމުން ގެންދަވާ ކެމްޕެއިނުގެ ކަންތައް ހުރި ގޮތެވެ. އެހެން ނަމަވެސް ޑރ. ހަސަން ސައީދު އައު މޫނަކަށް ނުވެ މައުމޫނަކަށް ވުމުގެ ފުރުސަތު އޮތީ ކިހައިވަރަކަށްކަން އިސްވެދިޔަ އެއްގޮތް ކަންތަކާއި ތަފާތު ތަކަށް ބަލައިގެން އަންދާޒާ ކުރެވިދާނެ އެވެ. ކޮންމެއަކަސް، ސުރުޚީގައިއެވާ ސުވާލުގެ ޖަވާބު ފުރިހަމަ ގޮތެއްގައި އަޅުގަނޑުމެންނަށް ލިބޭނީ ޑރ. ހަސަން ސައީދު ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމަށް ހޮވިވަޑައިގެންފި ނަމަ އެވެ. ވާނެ އެއްޗެއް އެނގިދާނެތާ އެވެ...........................
(4 THE NEW MOON)ލިޔުނީ : ސިންޓެކްސް އެރާ

Haveeru Daily Online - Headlines