Wednesday 2 April 2008

Dr. Hassan Saeed vs Mr. Maumoon Abdul Gayoom




ޑޮކްޓަރ ހަސަން ސައީދު އާމޫނަކަށް ނުވެ މައުމޫނަކަށް ވެދާނެބާ....؟
އަޅުގަނޑުގެ އުމުރުން މިވީ 18 އަހަރުގެ މުއްދަތުގައި އަލްއުސްތާޛު މައުމޫން އަބްދުލް ގައްޔޫމް ނޫން ބޭފުޅެއްގެ ވެރިކަން ދުށުމުގެ ނަސީބު އަދި މިވަނީ ނުލިބި އެވެ. މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުންގެ ހާލެވެ. އެހެން މީހުން ފަދައިން އަޅުގަނޑުވެސް މައުމޫނަށް ތާއީދުކުރި ދުވަސްވަރެއް ދިޔަ އެވެ. ނަމަވެސް އެއީ މާޒީ އެވެ. ރައްޔިތުންގެ ގިނަ ބައެއްގެ ފަރާތުން މިހާރު އިވެމުންދަނީ އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވައިލެވޭ އަޑެވެ. އަޅުގަނޑުގެވެސް ހިތުގެ އެންމެ ފުންމިނުގެ ޝުއޫރަކީ އެއެވެ. މައުމޫނު ބޭނުމެއް ނޫނެވެ. ބޭނުމީ އައު މޫނެކެވެ. މިގޮތުން ދިވެހި ރާއްޖޭގެ ސިޔާސީ މައިދާނުގެ އެނބުރުންތަކާއި ސެނބުރުންތައް ހުރިގޮތުން ދެން ވެރިކަމަށް ވަޑައިގަތުން އެންމެ ގާތް އެއް ބޭފުޅަކީ ޑޮކްޓަރ ހަސަން ސައީދެވެ. އެހެން ކަމުން ނުކޮށް ދޫކޮށްލެވެން ނެތް ސުވާލަކީ ޑޮކްޓަރ ހަސަން ސައީދު އައު މޫނަކަށް ނުވެ މައުމޫނަކަށް ވުމުގެ ފުރުސަތު އޮތީ ކިހައިވަރަކަށް ބާވަ އެވެ؟ އެހެން ގޮތަކަށް ދަންނަވާނަމަ ހަސަން ސައީދު މައުމޫނުފަދަ ވެރިއަކަށް ނުވެ ރައްޔިތުން އެދޭފަދަ ވެރިއަކަށް ވުމުގެ ފުރުސަތު އޮތީ ކިހައިވަރަކަަށް ބާވަ އެވެ؟
އެދެބޭފުޅުންގެ ދެމެދުގައި ހުރި އެއްގޮތް ކަންތަކާއި ތަފާތުތަކަށް ބަލައިގެން ދެންމެ މިދެންނެވި ސުވާލުގެ ޖަވާބު އަޅުގަނޑުމެންނަށް ހޯދިދާނެ އެވެ.
މިގޮތުން އެއްގޮތް ކަންތަކަށް ބަލާއިރު ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ ދެބޭފުޅުންގެ ތައުލީމީ ހަޔާތެވެ. ދެބޭފުޅުންނަކީ ވެސް ތައުލީމީ ހަޔާތުގައި ވިދާލި ދެ ތަރިންނެވެ. މައުމޫނު ކިޔަވައިވިދާޅުވުމަށްޓަކައި ބޭރަށް ވަޑައިގަތީ ރާއްޖޭގެ މަޖީދިއްޔާއިން އެއްވަނަ ހޯއްދަވައިގެންނެވެ. މިސްރުން ކިޔަވައިވިދާޅުވެގެން ރާއްޖެ ވަޑައިގަތީވެސް އެއްވަނަ ހޯއްދަވައިގެންނެވެ. ހަސަން ސައީދުވެސް ކިޔަވައި ވިދާޅުވުމަށް ވަރަށް ތުއްޕުޅުއިރު ބޭރަށް ވަޑައިގެން އުޅުއްވި މަދަރުސާތަކުގައި ވަރަށް ބޮޑަށް ވިދައިލި އެވެ. ކިޔަވައިވިދާޅުވުމަށްފަހު ރާއްޖެ ވަޑައިގަތީ ޕީއެޗް.ޑީ ހާސިލުކުރައްވައިގެން ޑޮކްޓަރުގެ ލަގަބާ އެކުގަ އެވެ.
ދެން ފާހަގަ ކޮށްލެވެނީ ސިޔާސީ ދާއިރާ އަށް ނުކުމެވަޑައިގެންނެވިއިރު ޒުވާން ބޭފުޅުންނަށް ވުމާއި ބުރުސޫރަފުޅު ރީތިވުމެެވެ. ދެބޭފުޅުންވެސް ތައުލީމީ ހަޔާތަށްފަހު ވަރަށް ޒުވާން އުމުރުފުޅުގައި ސަރުކާރުގެ އިސް މަގާމުތަކަށް ވަޑައިގެންނެވި އެވެ. އަދި އާއްމު ދިވެހިންނާއި ތަފާތު، ފާހަގަ ކޮއްލެވޭ މިންވަރަކަށް "ހޭންޑްސަމް" ކަމުގައިވެސް ދަންނަވަން ޖެހެ އެވެ. މިއީ ހޮޅި ވާހަކައެކޭ ބައެއް ބޭފުޅުން ވިދާޅުވި ނަމަވެސް މިނުކުތާ ފާހަގަ މިކޮައްލީ ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ކޮއިޒޫމީ އަށް ބޮޑު ތާއީދެއް ލިބުމުގެ ސަބަބަކަށް މިކަން ވެފައި އަދި މައުމޫނަށް ލިބުނު ތާއީދުގައިވެސް މިކަން ސަބަބެއްކަމުގައި ހިމެނޭކަމުގައި ގަބޫލުކުރެވޭތީ އެވެ.
ދެން އެންމެ ފާހަގަކޮށްލެވޭ އެއްގޮތްކަމަކީ ދެބޭފުޅުންވެސް އެބޭފުޅުން ތައުލީމު ހާސިލުކުރައްވައިގެން ރާއްޖެ ވަޑައިގެންނެވިއިރު އޮތް ވެރިކަމުގައި ވަޒީރުކަން ކުރެއްވުމާއި، އެއަށްފަހު ސަރުކާރާއި ދެކޮޅުވުމާއި، ފާޑުވިދާޅުވުމާއި، އިސްލާހަށް ގޮވައިލެއްވުމެވެ. މައުމޫނު ވަޑައިގަތީ ރައީސް ނާސިރުގެ ދައުރުގަ އެވެ. ރާއްޖެ ވަޑައިގަތުމައްފަހު (ދުވަސްކޮޅެއް ފަހުން) ނާސިރުގެ ސަރުކާރުގައި ޓްރާންސްޕޯޓް މިނިސްޓަރެއްގެ ވަޒީފާ އަދާކުރެއްވި އެވެ. އަދި ނާސިރުގެ ވެރިކަމުގެ ނިމުމާއި ކައިރިވެފައި ވަނިކޮށް ފެނިގެންދިޔައީ މައުމޫނު ސަރުކާރާއި ދެކޮޅުވެރިވެވަޑައިގަތުމާއި، ސަރުކާރަށް ފާޑުވިދާޅުވުމާއި، ޑިމޮކްރަސީ އާއި އިސްލާހަށް ގޮވައިލެއްވި ތަނެވެ. ހަސަން ސައީދުވެސް ރާއްޖެ ވަޑައިގެން ދައުލަތުގެ ބަންޑާރަ ނައިބުކަމުގައި ހުންނެވުމަށްފަހު އިސްތިިއުފާ ދެއްވިތަން އަޅުގަނޑުމެންނަށް އެވަނީ ފެނިފަ އެވެ. އަދި ހަމަ ވަގުތުން ސަރުކާރަށާއި މައުމޫނަށް ފާޑުވިދާޅުވާން ފެއްޓެވި އެވެ. އަދި ޑިމޮކްރަސީ އާއި އިސްލާހުގެ ވާހަކަ މެދުކެނޑުމެއްނެތި އެގެންދަވަނީ ދައްކަވަމުންނެވެ. މިއީ ދެބޭފުޅުންގެ އެންމެ ފާހަގަކޮށްލެވޭ އެއްގޮތްކަމެވެ.
މީގެ އިތުރުން ވާހަކަދެއްކުންތެރިކަމަށް މޮޅުވުމާއި، ތިމާ ދެކޭގޮތަކީ އެންމެ ރަނގަޅުގޮތް ކަމުގައި ދެބޭފުޅުންމެ ދެކެވަޑައިގަންނަވާކަމީވެސް ދެބޭފުޅުންގެ އެއްގޮތް ސިފަތަކެވެ. އާދެ، ގާތްގަނޑަކަށް 30 އަހަރުވަންދެން ކިނބިގަސްދޮށުގޭ މައުމޫން އަބްދުލް ގައްޔޫމް އަޅުގަނޑުމެންގެ ވެރިކަން ކުރައްވާފައިވަނީ އެފަދަ ދެވަނަ ހެޔޮލަފާ، އަޅުވެރި، ދީންވެރި، އިލްމުވެރި، މަޑުމޮޅި، އޯގާތެރި، ކެތްތެރި، ވިސްނުންތެރި، ހިކްމަތްތެރި، ރޭއްވުންތެރި ޒައީމެއް އަޅުގަނޑުމެންނަށް ދުވަހަކުވެސް ނުލިބޭނެއޭ ހީކުރުވަމުންނެވެ. ތަކުރާރުކޮށް 30 އަހަރުވަންދެން އެމަނިކުފާނު ހެއްދެވިހައި ދޮގުތަކާއި، ކުރެއްވި އަހުދުތައް ރައްޔިތުން ބަލައިގަތްކަމީ އެމަނިކުފާނުގެ ވާހަކަދެއްކުންތެރިކަމުގެ މޮޅުކަމަށް ދަލީލުލިބޭ ކަމެކެވެ. އަދި އެމަނިކުފާނުގެ މިގާބިލިއްޔަތު ބޭނުންކުރައްވާފައިވަނީ އެމަނިކުފާނު ބޭނުންފުޅުވާހައި ގޮތަކަށް ކަންތައް ކުރެއްވުމުގެ ހަތިޔާރެއްގެ ގޮތުންނެވެ. ޑރ. ހަސަން ސައީދަކީވެސް މޮޅު ވާހަކަދެއްކުންތެރިއެކެވެ. އެއްޖުމްލައެއް ތަކުރާރުކުރައްވައިގެން ވާހަކަފުޅުގެ އަސަރުގަދަކުރެއްވުމަށް މޮޅު ބޭފުޅެކެވެ. އަދި އެމަނިކުފާނުގެވެސް ބަލިފަޔަކީ އަމިއްލައަށް ދެކެވަޑައިގަންނަވާ ގޮތަކީ އެންމެ ރަނގަޅު ގޮތްކަމުގައި ދެކެވަޑައިގަތުން ކަމުގައި ހަސަންގެ އެކުވެރިން ވިދާޅުވެ އެވެ. އެހެންކަމުން މިއީވެސް ހަސަނާ މައުމޫނުގެ އެއްގޮތް ސިފަތަކެވެ.
ޑރ. ހަސަން ސައީދާއި އުސްތާާޛު މައުމޫނުގެ އެތައް އެތައް އެއްގޮތް ސިފަތަކެއް ހުރިނަމަވެސް ވަރަށް ބޮޑެތި ތަފާތުތަކެއްވެސް އެބަހުއްޓެވެ. ދެބޭފުޅުންގެ ތަފާތުތަކުގެ ތެރެއިން ފުރަތަމަ ތަފާތެއްގެ ގޮތުން ފާހަގަކޮށްލަންޖެހެނީ ތައުލީމު ހާސިލުކުރެއްވި ތަނުގެ ތަފާތެވެ. އާދެ، މީހަކު ކިޔަވާ އެއްޗަކާއި ކިޔަވަން އުޅޭ މާހައުލަކީ މީހާގެ އުޅުމާއި، ވިސްނުމާއި، އަގީދާއަށް ބޮޑެތި އަސަރުތަކެއް ކުރުވާނެ ކަންކަމެވެ. މިރޮނގުން ބަލާއިރު މައުމޫން ތައުލީމު ހާސިލުކުރެއްވީ އަރަބި ދުނިޔެއިންނެވެ. މިސްރުގައި އެހުންނަ މުސްލިމުންގެ މަޝްހޫރު އަޒްހަރު ޔުނިވަރސިޓީއިންނެވެ. އަރަބި ބަހުގެ އިތުރުން އިނގިރޭސި ބަސްވެސް ދަސްކުރެއްވީ ހަމަ އެގައުމުންނެވެ. މިއާ ޚިލާފަށް ހަސަން ސައީދު ތައުލީމު ހާސިލުކުރައްވަން ފުރަތަމަ ވަޑައިގަތީ އިރުމަތީގެ މުސްލިމު ގައުމު ތަކަށެވެ. އާދެ، ފުރަތަމަ، ދީން އުނގެނިވަޑައިގަތުމަށްޓަކައި ވަޑައިގަތީ ޕާކިސްތާނަށެވެ. އެއަށްފަހު، ޝަރުޢީ އިލްމު އުނގެނިވަޑައިގަތުމަށް ވަޑައިގަތީ މެލޭޝިޔާއަށެވެ. އަދި އެއަށްފަހު ޕީއެޗް.ޑީ ހާސިލުކުރެއްވުމަށް ވަޑައިގަތީ ހުޅަނގުގެ ތަހުޒީބުގެ މަރުކަޒެއްކަމުގައިވާ އޮސްޓްރޭލިޔާއަށެވެ. މިދެންނެވި ތަފާތުން މޫލައިގެން ކުރިފަޅައިފައިވާ އަނެއް ތަފާތަކީ ދެބޭފުޅުންގެ މައިގަނޑު އެޖެންޑާގެ ތަފާތެވެ. އާދެ، މައުމޫނު ފާހަގަކުރެވެނީ ދީނީ ލީޑަރެއްގެ ގޮތުގައެވެ. ގިނަ ބޭފުޅުންގެ ބަހުންނަމަ ދީން އައްޑަނައަކަށް ހައްދަވައިގެން ވެރިކަންކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. ނަމަވެސް، ހަސަން ސައީދު ބޮޑަށް ފާހަގަކުރެވެނީ ޝަރުޢީ ނިޒާމަށް ސަމާލުކަން ދެއްވާ ލީޑަރެއްގެ ގޮތުގަ އެެވެ. އަދި ހަމަ މިފަދައިން މައުމޫނަކީ ލިޔުންތެރިކަމާއި އަދަބިއްޔާތަށްވެސް ޚިދުމަތް ކުރއްވަމުން ގެންދަވާ ބޭފުޅެކެވެ. މިކަމުގައި މައުމޫނުގެ މަގްސަދު ކޮންމެ ގޮތަކަށް އޮތް ކަމުގައިވިޔަސް (މަގްސަދު އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ އެމަނިކުފާނަށެވެ.)، ހަސަން ސައީދު އަދި މިދާއިރާއިން ފާހަގަ ކުރެވިފައެއް ނުވެ އެވެ.
ދެވަނަ ތަފާތެއްގެ ގޮތުން ފާހަގަކޮށްލަން ޖެހެނީ ދެބޭފުޅުން އުފަންވެވަޑައިގަތް ތަނުގެ ތަފާތެވެ. އާދެ، މީހާ އުފަންވެ، ފުރާވަރާ ހަމައަށް ނަމަވެސް އުޅޭ ތަނުގެ އަސަރު މީހާއަށް ކުރާނެކަމާމެދު ޝައްކެއްނެތެވެ. މީހާގެ ހިތުގައި އެތަނަކާމެދު ޝުއޫރުތަކެއް ވާނެ އެވެ. ހަމަ އެހެންމެ މީހާގެ ހުވަފެންތަކާއި އުއްމީދުތަކުގެ މަރުކަޒީ ޕޮއިންޓަކީ އެއީ ކަމުގައިވެސް ވުމަކީ އެކަށީގެންވާ ކަމެކެވެ. މިގޮތުން ބަލާއިރު، ހަސަން ސައީދު އުފަންވެވަޑައިގަތީ އައްޑު އަތޮޅުގަ އެވެ. ނިކަމެތީންގެ ރާއްޖެ ތެރޭގަ އެވެ. ނަމަވެސް މައުމޫނު އުފަންވެވަޑައިގަތީ ފުރަމާލޭގަ އެވެ. އާދެ، ބޮޑުންނާއި ބޭފުޅުންގެ ރަށުގަ އެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި އަޅުގަނޑުމެންނަށް ފެނިފައި މިވަނީ ކުރެއްވިހައި ކަމެއް ބޭފުޅުންގެ މި މާލެއަށް ކުރެއްވި ތަނެވެ. ކުރެއްވިނަމަ ކުރެއްވި ތަރައްގީއަކުން "ހަމައެކަނި ބަރުކުރެއްވީ މާލެ" އެވެ. މިދަންނަވަނީ ހަސަން ސައީދު އައްޑު އަތޮޅާމެދު އަދި އެހެން އެއްވެސް އަތޮޅަކާމެދު އަދި ރަށަކާމެދު އިމްތިޔާޒުތަކެއް ގެންގުޅުއްވާނެއެކޭ ނޫނެވެ. ނަމަވެސް، "ހަމައެކަނި މާލެ ބަރުކުރުމުގެ" ސިޔާސަތަށް ބަދަލު ގެންނެވުން އެކަށީގެންވާ ވާހަކަ އެވެ.
ޑރ. ހަސަން ސައީދާއި މައުމޫނުގެ ތަފާތުތަކުގެ ތެރެއިން އެންމެ މުހިއްމު، އެންމެ ބޮޑު އަދި އެންމެ ފާހަގަ ކޮށްލެވޭ ތަފާތަކީ ދެބޭފުޅުންނަށް ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ސިޔާސީ މާހައުލުގެ ތަފާތެވެ. އަލްއުސްތާޛު މައުމޫން އަބްދުލް ގައްޔޫމް ސިޔާސީ ދާއިރާއަށް ނުކުމެ ވަޑައިގެންނެވީ ކުރިންވެސް ދަންނަވާފައިވާނެ ފަދައިން ރައީސް ނާސިރުގެ ދައުރުގަ އެވެ. ނަމެއްގައި ޖުމްހޫރީ ވެރިކަމެއް ނަމަވެސް ޚުދްމުޚްތާރުކަމުގެ މިސާލަކަށް ފުދޭ ވެރިކަމެކެވެ. ޑިމޮކްރަސީގެ ކުލަ ވަރަށް ފަނޑު ދުވަސްވަރެއްކަމުގައި ނޫނީ ނުދެންނެވޭނެ އެވެ. ސިޔާސީ ޕާޓީތަކެއް ނެތެވެ. މުސްތަގިއްލު ގާނޫނު ހަދާ މަޖްލީހެއް ނެތެވެ. މުސްތަގިއްލު މުވައްސަސާތަކެއް ނެތެވެ. އަދި އެފަދަ ޝަރުޢީ ނިޒާމެއްވެސް ނެތެވެ. މިނިވަން ނޫސްވެރިކަމެއް ނެތެވެ. ސިޔާސީ ގޮތުން ރައްޔިތުންގެ ހޭލުންތެރިކަން ވަރަށްވެސް ދަށްކަމުގައި ދަންނަވަން ޖެހެ އެވެ. އާދެ، މައުމޫނު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރުވެސް އަދި އެމަނިކުފާނުގެ ސިޔާސީ ހަޔާތުގެ ވަރަށް ބޮޑު ބަޔެއްގައިވެސް ކަން އޮތީ މިހެންނެވެ. ސިޔާސީ އެއްވެސް ވާދަވެރިކަމެއް ނުވަތަ ގޮންޖެހުމެއް ނެތޭވެސް ދެންނެވިދާނެ އެވެ. އެހެންނަމަވެސް ޑރ. ހަސަން ސައީދަށް ކުރިމަތިލައްވަން ޖެހިފައި މިވަނީ އެއާއި ވަރަށް ތަފާތު ސިޔާސީ މާހައުލަކާއި އެވެ. ވާދަވެރިކަން އޭގެ އިންތިހާގައިވާ މާހައުލެކެވެ. ޑިމޮކްރަސީގެ ކުލަވަރު ޖެހެމުންދާ ސިޔާސީ މައިދާނެކެވެ. ވާދަވެރި ސިޔާސީ ޕާޓީތައް އެބަހުއްޓެވެ. ނޫސްވެރިން މިވަނީ އިސްއިފުލައި ހަށިފޮޅާލައިފަ އެވެ. ރައްޔިތުން މިވަނީ ސަރުކާރުން ޖަހާހައި ބެރަކަށް ނެށުން ހުއްޓާލައިފި އެވެ. މިހާރު އެމީހުންނަށް، ވާނުވާ ފުދޭވަރަކަށް އެބަ އެނގެ އެވެ. އެހެންކަމުން ހަސަން ސައީދަށް ކުރިމަތިވެފައި މިވަނީ ވަރަށް ވާދަވެރި، ގޮންޖެހުންތައް ގިނަ ސިޔާސީ ވެއްޓެއް ކަމުގައި ދަންނަވަން ޖެހެ އެވެ. ދެލީޑަރުންގެ އެންމެ ބޮޑު ތަފާތަކީ މިއެވެ.
އާދޭހެވެ. މައުމޫނަކީ ކޮންކަހަލަ މޫނެއްކަން މިހާރު ދިވެހިންނަށް އެނގެ އެވެ. އޭނާ ކުރެއްވިހައި ރަނގަޅުކަމެއް އަލިފުން ޔާއަށް އެނގުމާއެކު އޭނާގެ އަނދިރިފަރާތްވެސް ދިވެހިންނަށް މިދަނީ އެނގެމުންނެވެ. ނަމަވެސް، ހަސަން ސައީދުގެ ވެރިކަމެއް އަދި އަޅުގަނޑުމެންނަކަށް ނުފެނެ އެވެ. ފެނިފައިވަނީ އޭނާގެ ސިޔާސީ ހަޔާތުގެ މިހައިތަނާ ހަމައަށް އޮތް ވަރަށް ކުޑަ ބަޔެކެވެ. އަދި އޭނާ ދިވެހި ރާއްޖޭގެ ރައީސްކަމަށް ވަޑައިގަތުމަށް ކުރައްވަމުން ގެންދަވާ ކެމްޕެއިނުގެ ކަންތައް ހުރި ގޮތެވެ. އެހެން ނަމަވެސް ޑރ. ހަސަން ސައީދު އައު މޫނަކަށް ނުވެ މައުމޫނަކަށް ވުމުގެ ފުރުސަތު އޮތީ ކިހައިވަރަކަށްކަން އިސްވެދިޔަ އެއްގޮތް ކަންތަކާއި ތަފާތު ތަކަށް ބަލައިގެން އަންދާޒާ ކުރެވިދާނެ އެވެ. ކޮންމެއަކަސް، ސުރުޚީގައިއެވާ ސުވާލުގެ ޖަވާބު ފުރިހަމަ ގޮތެއްގައި އަޅުގަނޑުމެންނަށް ލިބޭނީ ޑރ. ހަސަން ސައީދު ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމަށް ހޮވިވަޑައިގެންފި ނަމަ އެވެ. ވާނެ އެއްޗެއް އެނގިދާނެތާ އެވެ...........................
(4 THE NEW MOON)ލިޔުނީ : ސިންޓެކްސް އެރާ

No comments:

Haveeru Daily Online - Headlines